ނިހާނުގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީ މައްސަލަ އަދިވެސް ލިބިފައެއް ނެތް: ޕީީޖީ އޮފީސް

ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު —

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރުސީ މައްސަލަ ނިމި ދިޔަ ހަފްތާގެ ފޮނުވާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނި ނަމަވެސް އެމައްސަލަ އަދިވެސް ފޮނުވާފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާނު ކޮމިޝަނަށް ހާޒިރު ކުރީ މިދިއަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެމައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާފައި ވޭތޯ ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެމައްސަލަ ފޮނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އެހެން ނަމަވެސް އެމައްސަލަ ފޮނުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ޕީޖީ އޮފީހަށް ލިބުމުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނަން" ޕީޖީ އޮފީހުގެ އޮފިޝަލު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އައްސަދު 'ސަން' އަށް ވިދާޅުވީ މައްސަލަ ފޮނުވައިފި ނަމަ ފޮނުވިކަން ހާމަ ކުރައްވާނެ ކަމަށެވެ. ފޮނުވާނެ ވަކި ދުވަހެއް އަދި މައްސަލަ ގޮސްފައި އޮތް ހިސާބެއްވެސް އައްސަދު ސާފުކޮށެއް ނުދެއްވަ އެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.

އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޢަފޫރެވެ.

އަދީބު ވިދާޅުވާގޮތުގައި ހިޔާނާތުގެ ފައިސާ ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ވަދެފައެވެ. އަދި މަޖިލީހުގައި ނެގުނު ވޯޓުތަކާއި ވަރަށް ގިނަ ސިޔާސީ ކަންކަމަށްވެސް ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް