ޕޮގްބާ ހުރީ ހިތްހަމަ ނުޖެހިފައި، އަދި ހާލަތު ބަދަލުވާނެ: ސޮލްޝެއާ

މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އެކުލަބުގައި މިވަގުތު ހުރީ އެންމެ ހިތްހަމަ ޖެހިފައި ނޫންކަން ގަބޫލު ކުރާ ކަމަށާއި، އެހެން ނަމަވެސް ހާލަތު ބަދަލުކޮށް ޔުނައިޓެޑް އެހެން ހަރުފަތަކަށް ގެންގޮސްދިނުމުގެ ކޮލިޓީ އޭނާގެ ގައިގައި އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނެފި އެވެ.

ކުލަބާއި ގައުމީ ޓީމުގައި ވެސް ވިދުން ގަދަ ޕޮގްބާއަށް ވަމުން އަންނަ ގޮތާ މެދު މަޝްހޫރު ގިނަ ކޯޗުންނާއި ފުޓުބޯޅައިގެ އެނަލިސްޓުން ވެސް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ފްރާންސުގެ ކޯޗު ޑެޝޯމްޕް އެކަމުގެ ޒިންމާ އަޅުވަނީ ޔުނައިޓެޑުގެ ބޮލުގަ އެވެ.

ޑެޝޯމްޕްގެ މި ތުހުއްމަތުތައް ކޮށްފައިވަނީ މިފަހަކަށް އައިސް ޔުނައިޓެޑުގައި ޕޮގްބާ "ބާކީ" ވާ ފަދަ ގޮތަކަށް އެކުލަބުން އަމަލު ކުރަމުން އަންނާތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ އެގާރައިން ޕޮގްބާއަށް ފުރުސަތު ލިބުނީ އެންމެ މެޗެއްގަ އެވެ. އަދި ޕްރިމިއާ ލީގުގައި ވެސް ޕޮގްބާ ގިނަ މެޗުތައް ފަށަން ޖެހެނީ ބެންޗުންނެވެ. މިކަންކަމުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު މިވަގުތު އޮތް ގޮތުން މިޑްފީލްޑާ ޕޮގްބާއަށް އުފަލެއް ނުލިބޭނެ ކަމަށް ޑެޝޯމްޕް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑްގެ ކޯޗު ސޮލެޝެއާ ވެސް ވަނީ އެންމެ ފަހުން އެކަމަށް އެއްބަސްވެފަ އެވެ. ސޮލެޝެއާ ބުނީ ޕޮގްބާގެ ވާހަކަ އެކި ކަހަލަ ގޮތްގޮތަށް ނޫސްތަކުގެ ބޮޑު ސުރުހީއަށް ގެންނަނީ ކަމުގެ ހަގީގަތް ގިނަ ފަހަރު ނުބަލައި، އިންޓަވިއުތަކުގެ ތަންކޮޅުތައް ނަގައިގެން ކަމަށެވެ. އެހެން ކަމުން ދުރުގައި ތިބޭ މީހުންނަށް އެކަމުން ލިބެނީ ނުރަނގަޅު މެސެޖެއް ކަމަށެވެ.

"އަހަރެން އެކަމުގައި ޕޮގްބާއާ ވާހަކަ ދައްކައިފިން. އެއީ ތެދެއް، އޭނާ ހުރީ އުފަލަކުން ނޫން. އޭނާއަށް ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހިފައި ހުރީ، އަދި އެހެންމެ ލިބޭ ފުރުސަތުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކޭތީ އެކަމާ އިތުރަށް މާޔޫސްވޭ. ޔުނައިޓެޑްގައްޔާއި ފްރާންސްގައި ވެސް އެއް ޕޮޒިޝަނަކަށް އެކުޅެނީ،" ސޮލްޝެއާ ބުންޏެވެ.

ސޮލްޝެއާ ބުނީ ޕޮގްބާއަކީ ގިނަ ޕޮޒިޝަންތަކަށް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި، ކުރިން އެކަން އޭނާ ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެން ކަމުން މިހާރުގެ ހާލަތު މަސައްކަތުން ބަދަލުކޮށް އަލުން ޓޮޕް ފޯމަށް އެޅުމަކީ ޕޮގްބާއަށް ވާނޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް