2020 ގެ "ގޯލްޑެން ބޯއީ" ގެ އެވޯޑް ހާލަންޑަށް

ޑޯޓަމްންޑުގެ ފޯވާޑް އާލިންގް ހާލަންޑް --- ފޮޓޯ//ލައިވްސްކޯ

ކޮންމެ އަހަރަކުވެސް ހޮވާ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ "ގޯލްޑެން ބޯއީ" ގެ 2020 ވަނަ އަހަރުގެ އެވޯޑް ބްރޯޝިއާ ޑޯޓްމަންޑުގެ ނޯވޭ ފޯވާޑް އާލިންގް ހާލަންޑްއަށް ލިބިއްޖެ އެވެ.

އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށްވާ ޓޫޓޯ ސްޕޯޓްސްއިން ދޭ މި އެވޯޑަކީ ޔޫރޮޕުގެ އެންމެ މަތީ ފަންތީގައި ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ މެދުގައި ކޮންމެ އަހަރަކުވެސް ހޮވާ ޝަރަފުވެރި އެވޯޑެކެވެ. މި އެވޯޑް އެންމެ ފަހުން ހޯދީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ހަލުވި ފޯވާޑް ޔާއޯ ފީލިކްސް އެވެ.

ޔޫރޮޕުގައި އަރަމުން އަންނަ ތަރިންގެ ލިސްޓުގައި މިފަހަރު ނޮމިނޭޓްވެފައި އޮތީ ހާލަންޑުގެ އިތުރުން އޭނާގެ ޑޯޓްމަންޑް ޓީމްމޭޓް ޖޭޑަން ސަންޗޯއާއި، ބަޔާން މިއުނިކުގެ ޑިފެންޑަރު އެލްފަންސޯ ޑޭވިސް އަދި މެންޗެސްޓާ ޔުނައިޓެޑްގެ މޭސަން ގްރީންވޫޑްގެ އިތުރުން ބާސެލޯނާގެ އަންސޫ ފާޓީ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މުޅި ޔޫރޮޕުގެ ކަޅި ހުއްޓުނު ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތެއްގައި ޖުމުލަ 44 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 16 ގޯލަކީ އޮސްޓްރިއާގެ ސަލްޒްބާގުން ޑޯޓްމަންޑަށް ބަދަލުވިފަހުން ކުޅުނު 18 މެޗުގައި އޭނާ ޖެހި ގޯލުތަކެވެ.

އަދި އެހެންމެ މި ސީޒަނުގައި ވެސް ލީގުގައި ހަ ގޯލު ޖަހާފައިވާ ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި ވެސް ހަތަރު ގޯލެއް ޖަހައި، މިހާތަނަށް ކުޅުނު 11 މެޗުން 11 ގޯލު އެ މުބާރާތުގައި ވެސް ހަމަކޮށްފަ އެވެ.

ހާލަންޑުގެ ކުޅުމަށް ދުނިޔޭގެ އެންމެ މަގުބޫލު ކޯޗުންނާއި، ކުޅުންތެރިންގެ ތައުރީފް ލިބިފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑާއި، ރެއާލް މެޑްރިޑް ފަދަ ބޮޑެތި ކުލަބުތަކުން ވެސް އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އަދި ހާލަންޑް 2022 ވަނަ އަހަރު ގެންދިއުމަށް ރެއާލްމެޑްރިޑުން ޕްލޭނެއް ހަދަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ހާލަންޑް މިވަގުތު ސޭލުގައި ނެތް ކަމަށް ޑޯޓްމަންޑުން ވަނީ މިފަހުން ބުނެފަ އެވެ.

comment ކޮމެންޓް