ރާއްޖޭ ދާންވީ މިސްރާބަށް ދެވޭނީ ސިއްހީ ދާއިރާ ލާމަރުކަޒީކޮށްގެން ކަމަށާއި އެނޫން ގޮތަކަށް އެކަންތައް ކޮށްގެން ނުދެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން އެންމެ އެކަށީގެންވަނީ ސިއްހީ ނިޒާމު ލާމަރުކަޒީ ނިޒާމެއްގެ ގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން ސިއްހީ ނިޒާމު ލާމަރުކަޒީކުރުމަށްޓަކައި ގެންގުޅޭ ވިސްނުންތަކުގެ ތެރޭގައި ހުރީ ތަފާތު ސްޕެޝަލައިޒްޑް ހިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުން ލިބޭފަދަ ގޮތަކަށް އެ ހިދުމަތްތައް އެކި ސަރަހައްދުތަކަށް ބަހާލުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ނިޒާމު ތަރައްގީކުރުމުގައި ދަތުރުފަތުރުގެ ނިޒާމު ތަރައްގީ ކުރުމުގެ މުހިއްމު ކަމަށް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ.
"އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ގުޅިގެން އެކަމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ މިހާރުވެސް،" ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މީހުން ސިއްހީ ހިދުމަތް ހޯދުމަށް ލޯންޗުތައް ހިފައިގެން ރަށްރަށަށް ދާ އުސޫލަށް އޭރުން ދާކަށް ނުޖެހޭނެ ކަމަށެވެ. ދަތުރުފަތުރުގެ ނިޒާމް އިތުރަށް ތަރައްގީ ވެގެން ދިޔުމުން ސިއްހީ ނިޒާމަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ހުރިހާ ބޯޓުތައްވެސް ހަމައެކަމަށް ތައްޔާރުވެގެން ރާއްޖޭގެ ކަނޑުތަކަށް ހާއްސަކޮށްގެން އަންނަކަހަލަ ގޮތަކަށް ރޭވިފައިހުރިކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ޕްލޭންތަކަކާއި މެނިފެސްޓޯތަކާއެކު ކަމަށެވެ. އެހެންކަމުން ސިއްހީ ދާއިރާގައި ހުރި އުނިކަންކަމާއި ހާލަތު ވަރަށް ރަނގަޅަށް ދެނެގަނެވި ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.