ގުޅުންތަށް ރަނގަޅުކުރަން ސަލްމާން ރަސްގެފާނާއި އެރުދުޣާން މަޝްވަރާ ކުރައްވައިފި

ރިޔާޟް (ނޮވެމްބަރު 21) : ސައޫދީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖީ-20 ގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައިވަނިކޮށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން ސަލްމާން ރަސްގެފާނު އެރުދުޣާން އާ ފޯނުން ކުރެއްވި މަޝްވަރާތަކުގައި ދެބޭފުޅުންވަނީ ސައޫދީއާއި ތުރުކީއާ ދެމެދުގައިވާ މައްސަލަތަށް ހައްލުކުރުމަށްޓަކައި މަޝްވަރާއަށް އިސްކަންދިނުމަށް އެއްބަސްވެވަޑައިގެންފައެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި ވާ ދެބަސްވުންތަށް ހައްލުކޮށް، ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށްޓަކައި މަޝްވަރާ ކުރުމުގެ ދޮރުތައް އަބަދުވެސް ހުޅުވާފައި ބެހެއްޓުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެނެނެވިކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ.

ސައޫދީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖީ-20 ގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިޔަށް ގެންދާނީ ވާޗުއަލްކޮށެވެ. ޖީ-20 ގައި ސައޫދީ އާއި ތުރުކީގެ އިތުރުން އެމެރިކާ، ޗައިނާ، ޖަޕާން، ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިޔާ، އިޓަލީ، ކެނެޑާ، މެކްސިކޯ އާޖެންޓީނާ، ބްރެޒިލް، އިންޑޮނޭޝިޔާ، ދެކުނު އެފްރިކާ، ދެކުނު ކޮރެޔާ، އޮސްޓްރޭލިޔާ، އަދި ރަޝިޔާ ހިމެނެއެވެ.

ތުރުކީއާއި ސައޫދީ ގުޅުންތަށް ގޯސްވެފައިވަނީ ސައޫދީ ބާރުގަދަ މީހާގެ ގޮތުގައި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ގެ ކޮންޓްރޯލްގެ ދަށަށް އެގައުމުގެ ކަންކަން ދިޔަ ހިސާބުންނެވެ. ދެ ގައުމުގެ ދެމެދުގައި މިފަހަކަށް އައިސް އެންމެ ބޮޑު މައްސަލަ އުފެދުނީ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ސައޫދީ އިދިކޮޅު ލިޔުންތެރިއެއްކަމަށްވާ ޖަމާލް ޚާޝުޤްޖީ ވަރަށް އަނިޔާވެރިގޮތަކަށް މަރާލުމުގެ ފަހަތުގައި ހުންނެވީ ސީދާ މުހައްމަދު ބިން ސަލްމާންކަމަށް ނުސީދާ ގޮތެއްގައި ތުރުކީ ކުރަމުންގެންދާ ތުހުމަތުތަކާ ގުޅިގެންނެވެ. މިޖަރީމާގެ ހަގީގަތް ހާމަކުރުމަށް ތުރުކީ ގެންދަނީ ސައޫދީއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ.

އިސްލާމީ ފިކުރުގެ ސިޔާސީ ޖަމާއަތެއްކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރަށް ތުރުކީ ސަރުކާރު ތާއީދުކުރުމާއި އިޚްވާން ޖަމާއަތާ ދެކޮޅަށް ސައޫދީ ހިންގާ ހަރަކާތްތަކަކީވެސް ދެގައުމުގެ ދެމެދުގައި މައްސަލަ އުފެދިގެންދިޔަ ކަމެކެވެ. މިސްރުގައި ޑިމޮކްރެޓިކް ގޮތުން އިންތިޚާބުކުރި ޑރ. މުހައްމަދު މުރުސީއަކީ އިޚްވާން ޖަމާއަތުގެ ބޭފުޅަކަށްވާއިރު އޭނާގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލައި ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ މިސްރުގެ ވެރިކަމަށް ގެނައުމާއި ސީސީގެ އަނިޔާވެރިކަމަށް ވާގިވެރިވުމުގައި ސައޫދީގެ ދައުރު ބޮޑުކަމުން ތުރުކީވަނީ ރުޅިއައިސްފައެވެ.

މީގެއިތުރުން ޔަމަންގައި ސައޫދީ އިސްކޮށް އޮވެގެން ހިންގާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ތުރުކީ ތާއީދުނުކޮށް އެހަނގުރާމައިގާ ޔަމްންގެ އާންމުންނާ ދެކޮޅަށް ސައޫދީ ހިންގާ ޖަރީމާތަކަށް ތުރުކީން ފާޑުކިޔުމާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތަށް ތުރުކީ ތާއީދު ކުރުމަކީވެސް ސައޫދީ ރުޅިއަންނަ ކަމެކެވެ. ސައޫދީ އަޑިއަޑިން އިސްރާއީލާ ވަރަށް ބޮޑަށް ގުޅިގެން ހަރަކާތްތެރިވަމުންދާކަމަށް ރިޕޯޓްތަށް ބުނާއިރު ސައޫދީން ހަމާސް ޖަމާއަތް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. މިއީ އިސްރާއީލާއި އެމެރިކާވެސް ހަމާސް އާމެދު ދެކޭގޮތެވެ.

އަނެއްކޮޅުން ސައޫދީ އާއި ޔޫއޭއީ އިސްވެއޮވެގެން އެދެގައުމުގެ އަވަށްޓެރި ގަތަރާ ގުޅުންތަށް ކަނޑާލައި ގަތަރު ހިސާރުކުރުމުން ތުރުކީން ގަތަރަށް އަސްކަރީ ގޮތުން އެހީތެރިވެ ސިފައިން ފޮނުވައި ގަތަރުގެ ދިފާއުގައި ތުރުކީ ތެދުވުމަކީވެސް ސައޫދީގެ ރުޅިގަނޑު ތުރުކީއާމެދު ވަރަށް ބޮޑަށް ފާޅުވެގެންދިޔަ ކަމެކެވެ.

ސައޫދީ ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ގާތްވަމުންދާއިރު ސައޫދީ ގެންދަނީ ތުރުކީގެ އިގްތިސާދު ބަލިކަށި ކުރުމަށްޓަކައި ތުރުކީގެ އުފެއްދުންތަށް ބޮއިކަޓް ކުރުމަށްވެސް ނުރަސްމީ ގޮތެއްގައި މަސައްކަތް ކުރަމުންނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ސައޫދީ ޗެމްބަރ އޮފް ކޮމާސް އިން ވަނީ ތުރުކީގައި އުފައްދާ ތަކެއްޗާ އަދި ތުރުކީގެ ކުންފުނިތަކަށް ނިސްބަތްވާ އުފެއްދުންތަކާއި އިންވެސްޓްމަންޓްތަށް ބޮއިކަޓް ކުރުމަށް ސައޫދީ ރައްޔިތުންނަށް ފާޅުގައި ގޮވާލާފައެވެ. އަދި ސައޫދީ މީޑީއާއިން ގެންދަނީ ތުރުކީއަށް ސައޫދީ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައި ނުގޮސް ތުރުކީ ބޮއިކޮޓްކުރުމަށް ބާރުއަޅަމުންނެވެ. މިއީ ބިން ސަލްމާން އިސްކޮށް ހުންނަވައިގެން ކުރައްވާކަމެއްކަމަށް ރިޕޯޓްތަށް ބުނިނަމަވެސް ސައޫދީ ސަރުކާރުން ރަސްމީ ސިފައެއްގައި ތުރުކީ ހިސާރުކޮށް ތުރުކީގެ ތަކެތި ބޮއިކަޓް ކުރުމަށް ގޮވާލާފައެއް ނުވެއެވެ.

ސައޫދީ ރަސްގެފާނު ތުރުކީއާ ގުޅުންތަށް ރަނގަނޅުކުރަން މަސައްކަތް ފެއްޓެވި ނަމަވެސް އެގައުމުގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ތާއީދު މިކަމަށް ލިބުން ކުޑަކަމަށާ ސައޫދީ އިސްލާމީ ދުނިޔޭގައި ކުރިން އަދާކުރި ލީޑިން ރޯލު ބިން ސަލްމާންގެ ހަރުކަށި ސިޔާސަތުގެ ސަބަބުން މިހާރު ވަރަށްބޮޑަށް ގެއްލިފައިވާ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ސައޫދީއާއި ކުރިން ގާތްގުޅުންތަކެއް ބާއްވަމުން ގެންދިޔަ ޕާކިސްތާނާއި އިންޑޮނީޝިއާއާއި މެލޭޝިއާ ފަދަ ގައުމުތަށްވެސް މިފަހަކަށް އައިސް ސައޫދީއާ ދުރުވެފައިވާކަން އެގައުމުތަކުގެ ބަހާއި އަމަލުންވަނީ ހާމަވެފައެވެ. (ނޫސްއެޖެންސީތަށް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު