މުޅި ތަރީހުގައިވެސް އެންމެ ޒިންމާދާރުކަން ކުޑަ ރައީސްއަށް ޓްރަމްޕް ވާނެ: ބައިޑެން

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ޖޯ ބައިޑެން -- ފޮޓޯ: އޭއެފްޕީ

މުޅި ތަރީހުގައިވެސް އެންމެ ޒިންމާދާރުކަން ކުޑަ ރައީސްއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާނެކަމަށް އެގައުމުގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ރިޕަބްލިކަން ޕާޓީ އަދި ޑިމޮކްރެޓިކް ޕާޓީގެ ގަވަރުނަރުންނާއި ބައްދަލުކުރެއްވުމަށްފަހު ބައިޑެން ވިދާޅުވީ އިންތިހާބަށްފަހު އެގައުމުގެ ފެޑަރަލް އޭޖެންސީތަކާ ބައިޑެންގެ ޓީމުން ބައްދަލުކުރިޔަ ނުދިން ކަމަށެވެ. އޭގެ ތެރޭގައި ކޮރޯނާ ވައިރަސްއިން އަރައިގަތުމަށް އެކުލަވާލައިފައިވާ ޓީމްވެސް ހިމެނެއެވެ.

އޭގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީއާ މެދު ދުނިޔެ ދެކޭގޮތް ކިލަނބުވެފައިވާކަމަށް ބައިޑެން ވިދާޅުވިއެވެ.

އިންތިހާބުގައި ޓްރަމްޕްއަށް ނާކާމިޔާބުވެފައިވާއިރު އެމަނިކުފާނު އަދިވެސް ދަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވަމުންނެވެ. އެންމެ ފަހުން ޖޯޖިއާގެ ވޯޓުތައް އަލުން ގުނުމުންވެސް ކުރިހޯއްދަވައިފައިވަނީ ބައިޑެންއެވެ.

" ޓްރަމްޕް ވިސްނުން ހުންނަ ގޮތެއް އެއްގޮތަކަށްވެސް ނޭނގޭ. އެމަނިކުފާނު ކަންތައްތައް ކުރައްވާގޮތް އެއްގޮތަކަށްވެސް ރަނގަޅެއް ނޫން" ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށާއި އަދި ޓްރެޝަރީ ސެކެޓްރީގެ މަގާމަށް ބޭފުޅެއްގެ ނަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން "ތޭންކްސްގިވިން" ގެ ކުރިން އިއުލާންކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް