ފައިދާ ނުވާތީ ކެތޭ ޕެސިފިކް އިން ހަތް މަންޒިލެއް ހުއްޓާލަނީ

ކެތޭ ޕެސިފިކްގެ ފްލައިޓެއް ---

ފައިދާ ނުވާތީ ކެތޭ ޕެސިފިކް އިން މީގެ ކުރިން ދަތުުރު ކުރި ހަތް މަންޒިލަކަށް ދަތުރު ނުކުރަން ނިންމައިފިއެވެ.

ހޮންގްކޮންގްގެ ކެތޭ ޕެސިފިކް އެއާވޭސް ލިމިޓެޑްގެ ހަރަދުތައް ކުޑަކުރުމަށް އެ އެއާލައިނުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖެ ހިމެނޭހެން ހަތް މަންޒިލެއްގެ ދަތުރުތައް ނުފަށަން އެ އެއާލައިނުން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ވޮޝިންޓަން، ބްރޫސަލްސް އަދި ނިއުޔޯކާއި ލަންޑަނުގެ ބައެއް އެއާޕޯޓުތަކަށް އެ އެއާލައިނުން ކުރި ދަތުުރުތައް ވެސް ކުރިއަށް ނުގެންދަން ވަނީ ނިންމައިފައެވެ.

މި ނިންމުމާއެކު އަންނަ އަހަރުވެސް މި މަންޒިލުތަކަށް ކެތޭ ޕެސިފިކް އިން ދަތުރެއް ނުކުރާނެއެވެ.

ކޮވިޑް19ގެ ސަބަބުން އޭވިއޭޝަން ދާއިރާ އަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. ގިނަ އެއާލައިންތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅައި، މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާއިރު ކެތޭ ޕެސިފިކް އިންވެސް ވަނީ އެ އެއާލައިނުގެ 5،900 ވަޒީފާ އުވާލަން ނިންމައިފަ އެވެ. މިއާއެކު 8،500 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށާއި ބާކީ2،600 ވަޒީފާ އަކީ ހާލަތުގެ ގޮތުން އަދި މުވައްޒަފުން ނުނަގާ ހުރި ވަޒީފާތައް ކަމަށް ބުނެފައިވެ އެވެ.

ކެތޭ ޕެސިފިކް އަށް ގެންނަ ބަދަލުތަކާ އެކު އެ އެއާލައިނަށް 283.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ އެވެ.

ކެތޭ އިން ބުނީ 2021 ވަނަ އަހަރުގެ މެދަށް ދާއިރު އެ އެއާލައިނަށް ލިބޭނީ 2019 ވަނަ އަހަރު އެ އެއާލައިނުން އުފުލި ފަސިންޖަރުންގެ ދެބައިކުޅަ އެއްބައި ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ކެތޭ ޕެސިފިކް އިން ވަނީ އެ އެއާލައިނުގެ ދަށުން އޮޕަރޭޓުކުރާ ކެތޭ ޑްރެގަން ހުއްޓާލަންވެސް ނިންމައިފައެވެ.

ކެތޭ ޕެސިފިކް އިން ރާއްޖެއަށް ދަތުރު ފެށީ 2013 ވަނަ އަހަރުއެވެ. ކޮވިޑް19 އާއި ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް އަސަރު ކުރަންދެން އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރިއެވެ.

comment ކޮމެންޓް