މާމަގެ ފައްޓަރުބަޔަށްވުރެ ޗައިނާ އަށް އަގުހުރީ އެކުވެރިކަން ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް ވިދާޅުވެއްޖެ އެވެ.
ޗައިނާ ލޯނުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 53 ޕަސެންޓް ހޭދަވާނީ ދަރަނި އަދާކުރުމަށް ކަމަށާއި އޭގެ ބޮޑު ބަޔަކީ ޗައިނާއަށް އޮތް ދަރަނި ކަމަށެވެ. އަދި މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ރާއްޖޭގެ ދަރަނި އަދާނުކުރެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޗައިނާ އަތުން ނަގާފައިވާ ލޯނުތަކުގެ ބުރަ ބޮޑުކަމަށް ވިދާޅުވެ ނަޝީދު ގެންދަވަނީ އަބަދުވެސް ޗައިނާއަށް ފާޑުވިދާޅުވަމުންނެވެ.
ނަޝީދުގެ ވާހަކަތަކާ ގުޅިގެން ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާމަމެންގެ ފަރާތުން ވާރުތަވަމުން އަންނަ ގަހަނާ އަކީ އަގުހުރި އަގުބޮޑެތި ތަކެތި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެކަމަކު ޗައިނާ އަށް މުހިއްމީ އެކުވެރިކަން ކަމަށާއި އެކުވެރިކަމަކީ އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ.
އާމްދަނީގެ 53 ޕަސެންޓު ދަރަނި އަދާކުރަން ހޭދަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ބަޖެޓުގައި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރަން ކަނޑައަޅާފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ. އެއީ އާމްދަނީގެ 22 ޕަސެންޓެވެ.
އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން ލަފާ ކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓަށް ބުރަވެފައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ދަރަނީގެ ސަބަބުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާ ސަފީރު ވަނީ އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަން އިއްޔެ ހާމަ ކުރައްވައިފަ އެވެ. ސަފީރު ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެހީވާން ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ.
ރާއްޖެ، ޗައިނާއިން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދަކީ 1.5 ބިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައިވާ ލޯނުތަކުގެ އަދަދަކީ 600 މިލިއަން ޑޮލަރެވެ. ދެން ހުރީ ކުންފުނިތަކަށް ނަގާފައިވާ ލޯނުތަކެވެ.
ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ނޫނީ ލޯނު ދެއްކުމަށް ލުއި ދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މެއި-ޑިސެމްބަރު ގެ ނިޔަލަށް ރާއްޖޭގެ ބައެއް ލޯނުތަކަށް ޑިފާމަންޓެއް ނުވަތަ ލޯނު ދެއްކުން ޗައިނާއިން ވަނީ ފަސްކޮށްދީފަ އެވެ.
ޗައިނާ ސަފީރު އިއްޔެ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު ބައްދަލުވުމެއްގައި ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއިތަކަށް މިނިސްޓަރު ޝުކުރުއަދާކުރެއްވި ކަމަށެވެ.
ޗައިނާގެ އެހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރީ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވީ ޗައިނާ ލޯނުތަކުގެ އިންޓްރެސްޓަކީ ދެ ޕަސެންޓު ކަމަށާއި އެ ލޯނުތަކުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު އަދި އަނބުރާ ދެއްކުމަށް 20 އަހަރު ލިބިފައިވާ ކަމަށެވެ.