ވިލިނގިލި-ކޫއްޑޫ ބްރިޖު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަނީ

ވިލިނގިލި - ކޫއްޑޫ --- ފޮޓޯ/ ސޮއްޓި

ގއ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލާ ބްރިޖުގެ މަސައްކަތް މިއަހަރު ނުފެށުނީ ކޮވިޑް19ގެ ސަބަބުން ކަމަށާއި، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުނެފި އެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވަނީ އެ މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދުމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫއު ހިމަނައިދެއްވުމަށް އެދި ރައީސް އަށް ސިޓީ އެއް ފޮނުއްވައިފަ އެވެ. މެންބަރު ސައުދު އެދިވަޑައިގެންފައިވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވައިދެއްވުމަށެވެ.

އެ މަޝްރޫއާ ގުޅޭގޮތުން ވިލިނގިލި ރައްޔިތުން ހުށަހަޅާފައިވާ ކޮންސެޕްޓް ޑްރޮވިން އެއްވެސް ސައުދު ވަނީ ރައީސް އޮފީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައިވަނީ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ކޮވިޑުގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިތަކުގެ ސަބަބުން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ކޫއްޑޫ އާއި ވިލިނގިލި ގުޅާލާ ބްރިޖުގެ މަޝްރޫއުގެ ދިރާސާއަށް މި އަހަރުގެ ބަޖެޓުގައި އެއް މިލިއަން ރުފިޔާ އޮތީ ކަނޑައަޅައިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައިވެސް އެ މަސައްކަތަށް ހަމަ އެ އަދަދަށް ފައިސާ ކަނޑައަޅާފައިވެ އެވެ.

ވިލިނގިއްޔާ ކޫއްޑޫ ގުޅުވާލަ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް ސޯލިހު ވިލިނގިއްޔަށް ވަޑައިގެން ވިދާޅުވީ ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަށް އެހާ ބޮޑު ހަރަދެއް ނުދާނެ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެކަން ކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމަކީ މުޅި އަތޮޅަށާއި، ކޫއްޑޫގައި މަސައްކަތްކުރާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް އަދި ކޫއްޑޫ އެއާޕޯޓާއި އެ ރަށުގައި ހިންގާ ސިޓީ ހޮޓަލުގެ މުވައްޒަފުންނަށް އެތައް ފަސޭހައެއް ވާނެ ކަމެއް ކަމަށާއި އެއީ އުޖުތިމާއީ އަދި އިގްތިސާދީ ގޮތުންވެސް އެ އަތޮޅަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް