އުމްރާ އަށް މީހުން ގެންދަން އިތުރު ހަ ކުންފުންޏަކަށް ހުއްދަ ދީފި

އުމްރާ ކުރަން ބޭރު ގައުމުތަކުން 10،000 މީހުން ވަނީ ސައުދީއަށް ގޮސްފަ -- ފޮޓޯ: އޭޕީ

ރާއްޖެއިން މީހުން އުމްރާ އަށް ގެންދިޔުމަށް އިތުރު ހަ ކުންފުންޏަކަށް މިނިސްޓްރީން ހުއްދަ ދީ ފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން އަލަށް ހުއްދަ ދިން ކުންފުނިތަކާ އެކު މިހާރު ޖުމްލަ 37 ކުންފުންޏަކަށް އުމްރާ އަށް މީހުން ގެންދިޔުމުުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ލިސްޓު މިނިސްޓްރީން ވަނީ މިހާރު އާންމުކޮށްފަ އެވެ.

އުމްރާ އަށް މީހުން ގެންދިއުމަށް ހުއްދަ ދިން އާ ކުންފުނިތަކަކީ:

  1. ގުބާ ޕްރައިވެޓް ލިމިޓެޑް
  2. އެމްއެސް ހައްޖު އެންޑް އުމްރާ
  3. އުއްމުލްގުރާ ލިލް ހައްޖު ވަލް އުމްރާ
  4. ސިރާތު އުމްރާ ޕްރައިވެޓް ލިމިޓެޑް
  5. އަސްކޮއި ހައްޖު އުމްރާ ގްރޫޕް
  6. ރޯޔަލް ހައްޖު އެންޑް އުމްރާ

އިސްލާމިކް މިނިސްޓްރީ އިން އުމްރާ އަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ހުއްދަ ލިބޭ ކުންފުނިތަކަށް މީހުން އުމްރާއަށް ގެންދުޔުމުގެ ހުއްދަ ދެ އަހަރު ވަންދެން އޮންނާނެ އެވެ.

ކޮވިޑް19އާ ގުޅިގެން މިއަހަރުގެ ތެރޭގައި ދެ ހަރަމްފުޅަށް ޒިޔާރަތްކުރުން އޮތީ މެދުކަނޑާލައިފަ އެވެ. ހައްޖު މޫސުމުގައި ހައްޖު ވުމުގެ ފުރުސަތު ދިނީވެސް ހަމައެކަނި ސައުދީގައި ދިރިއުޅޭ މީހުންނަށެވެ.

ނަމަވެސް ސައުދީ އިން މިހާރު ވަނީ އެގައުމުން ބޭރުގައި އުޅޭ މީހުންނަށްވެސް އުމްރާ ވުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ. އެގޮތުން ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާ އެއް ހުށަހެޅުމާއެކު ތިން ދުވަހު ކަރަންޓީނުގައި ތިބެން ޖެހެ އެވެ.

ސައުދީ އިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނާގޮތުން އުމުރާގެ ހުރިހާ ކަމެއްވެސް ހަމަޖައްސަންޖެހޭނީ އެކަމާބެހޭ ސައުދީ އެޖެންޓުން މެދުވެރިކޮށެވެ. އަދ ކުރިން އެޖެންޓުންނާ އަދި ގްރޫޕްތަކާ ނުލާ އެކަނި އުމުރާއަށް ދެވޭގޮތަށް އޮތް ނަމަވެސް މިހާރުވަނީ އެފަރާތްތަކާ ނުގުޅި އުމުރާއަށް ނުދެވޭގޮތަށް ހަމަޖައްސާފަ އެވެ. އުމުރާ ގްރޫޕްތަކަށް ބަލާއިރު ގުރޫޕެއްގެ ގޮތުގައި ބެލެވޭނީ މަދުވެގެން 50 މީހުން އުމުރާއަށް ގެންނަ ފަރާތްތަށް ކަމަށްވެސް ބުނެފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ސްކޫލު ޗުއްޓީ އާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން އުމްރާ އަށް ދެ އެވެ. އަންނަ މަހުގެ ހަތަރަކުން ފެށިގެން ސްކޫލުތަކުގެ ޗުއްޓީ ފެށޭނެ އެވެ.

comment ކޮމެންޓް