ގޭގައި ކުރާ މަސައްކަތްތަކުން ވެސް ޓެކްސް ދައްކަން ޖެހޭނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް---

އާމްދަނީ ހޯދުމަށް ގޭތެރޭގައި މަސައްކަތްކުރާ މީހުން ނުވަތަ ހޯމް ބޭސްޑް ވޯކާޒް ވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންނެވެ.

ނަމަވެސް ގޭގައި ތިބެ މަސައްކަތްކުރާ ފަރާތްތަކުގެ ސަބަބުން ކެފޭ، ހޮޓާ، ރެސްޓޯރަންޓުތަކުގެ ވިޔަފާރިއަށް އަސަރުކުރާ ކަމަށާއި، އަދި ގޭގައި ތިބެގެން ވިޔަފާރިކުރާ ފަރާތްތަކުން ޓެކްސް ދައްކަން ނުޖެހޭކަމަށް ބުނެ ޝަކުވާތައް އިތުރުވެގެން ދިޔަ އެވެ.

މިދިޔަ ހަފްތާގައި އެ މައްސަލައާ ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ސިފަކުރެއްވީ އެއީ "ކުދި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާ" ދެމެދު އޮތް މައްސަލައެއްގެ ގޮތުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކެފޭ، ހޮޓާ، ރެސްޓޯރަންޓަކީ ކުދި ވިޔަފާރީގެ ތެރޭގައި ހިމެނޭ ތަންކޮޅެއް ބޮޑު ވިޔަފާރިތަކެއް ކަމަށާއި، ބޮޑު ކުލީގައި ހަރަދުކޮށް، ސަރުކާރަށް ޓެކްސް ދައްކައި، މުވައްޒަފުންނަށް މުސާރަދީގެން މަސައްކަތް ކުރާއިރު، ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ހަރަދުކުރަން ނުޖެހޭތީ ކެފޭ ހިންގާ މީހުންގެ ނުތަނަވަސްކަމެއް އެބަހުރި ކަމަށެވެ.

ނަމަވެސް އާންމުނަށް ބޮޑަށް ފެންނާނެހެން، ތަނެއް ހުޅުވައިގެން ވިޔަފާރިކުރުމަކީ އެބައެއްގެ އަމިއްލަ ނިންމުމެއް ކަމަށާއި، އެހެންކަމުން ތަނަށް ކުލި ދައްކަން ޖެހުމުގެ ޝަކުވާއަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ހޯމް ބޭސްޑް ވޯކާޒް އަށް ވެސް ޖާގަ ދީގެން އެކަމު އެބޭފުޅުން ވެސް ޓެކްސް ދައްކަވަން ޖެހޭނެ. ލިބޭ ޖާގައިގެ ތެރެއިން ޓެކްސް ދައްކަވަން ވާނެ. އަޅުގަނޑަކަށް މައްސަލައެއް ނެތް އެބޭފުޅުން ގޭގެ ބަދިގޭގައި އެބޭފުޅުންނަށް ޖާގަ ލިބޭތީ އެކަން ކުރެއްވުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފަ އެވެ.

އެއީ އެޗްޕީއޭގެ އެންގުމެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ސިއްހީ ނަޒަރަކުން ބަލާއިރު އެޗްޕީއޭގެ ނިންމުން ރަނގަޅު ކަމަށެވެ.

"އެބޭފުޅުންގެ ވިސްނުން ހުންނާނީ ހެލްތަށް. ބަދިގޭގައި ހަދައިގެން ވެސް އާންމު ރައްޔިތު މީހާ މި ގަންނަނީ. އެހެންކަމަށް ވަންޏާ ހެލްތުގެ ބޭފުޅުން އެބަ ޔަގީންކުރަން ޖެހޭ ދެއްތޯ އާންމު ރައްޔިތު މީހާގެ ސިއްހަތު. އެހެންވީމަ ކާ އެއްޗެހި އުފައްދާ ތަނަކީ އާންމު ރައްޔިތުންނަށް އެއްޗެހި ވިއްކަން ކޮންމެސް މިންގަނޑެއްގެ ތެރޭގައި، ސާފުތާހިރުކަމެއް ހުންނަން ޖެހޭނެ. ފާހާނައިގެ ތެރޭގައިތޯ އުނދުން ބައިންދަނީ މިސާލަކަށް، ކިހިނެތްތޯ އަޅުގަނޑުމެންނަށް އެނގެނީ؟" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން އެޗްޕީއޭއިން އެގޮތަށް އެންގީ ވިޔަފާރީގެ ނަޒަރަކުން ދެކިގެން ނޫން ކަމަށާއި، އަދި ސިއްހީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށްވުމުން، އެކަން ކޮންޓްރޯލް ކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ އެންގުން އައީ އެންމެ ރަނގަޅު ވަގުތުގައި ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރަން ޖެހޭނެ. ބަޔަކަށް ލިބޭ އާމްދަނީ އޭ ކިޔާފަ އާންމު ރައްޔިތުންގެ ސިއހްތަށް އަސަރުކުރާ ގޮތަކަށް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް