މިވަގުތު 349 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި

ރާއްޖޭގައި ހިންގާ ރިސޯޓެއް --

މިވަގުތު 249 ޓޫރިސްޓް ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއީ ޖުމްލަ 33,776 އެނދެވެ.

މިވަގުތު 125 ރިސޯޓާއި 189 ގެސްޓްހައުސް / ހޮޓެލް އަދި 122 ސަފާރީ އޮޕަރޭޝަނުގައި އެބައޮތް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ. މި އަހަރުގެ ނިޔަލަށް އިތުރު ފަސް ރިސޯޓެއް އޮޕަރޭޝަނަށް އަންނާނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ. މިއާއެކު ޑިސެމްބަރުގެ ނިޔަލަށް އިތުރު 914 އެނދެއް އޮޕަރޭޝަނަށް އަންނާނެ އެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރިސޯޓުތަކަށް ފަތުރުވެރިން އައުން ހުއްޓިފައި އޮތުމަށްފަހު މިއަހަރުގެ ޖުލައި މަހުގެ 15 އިން ފެށިގެން ވަނީ ބޯޑަރު ހުޅުވާލާ ރިސޯޓުތަކަށް ޓޫރިސްޓުން އަންނަން ފަށައިފަ އެވެ. އެ ތާރީހުން ފެށިގެން ސަފާރީތަކަށްވެސް ފަތުރުވެރިން އަންނަން ފަށާފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާ/ ގެސްޓްހައުސްތައް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 15 ގައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް މިހާރު ސްޕްލިޓް ސްޓޭގެ ހުއްދަވެސް ދީފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންނަށް 96 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާ އެއް ބޭނުންވެ އެވެ. އަދި ސްޕްލިޓް ސްޓޭގެ ދަށުން އެއް ފެސިލިޓީ އިން އަނެއް ފެސިލިޓީ އަށް ދެވޭނީ އެގްޒިޓް ސްކްރީނިން ހެދުމަށް ފަހު އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން 59,105 ފަތުރުވެރިން އައިސްފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 441,952 އެވެ.

comment ކޮމެންޓް