ތުރުކީން ޗައިނާގެ ކޮވިޑް ވެކްސިންގެ 20 މިލިއަން ޑޯޒް ގަންނަނީ

ޗައިނާގެ ސައިނޯވެކް ކުންފުނިން ޓެސްޓު ކުރާ ކޮވިޑް ވެކްސިންގެ 20 މިލިއަން ޑޯޒް ގަންނާނެ ކަމަށް ތުރުކީން ބުނޭ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (ނޮވެމްބަރު 20): ޗައިނާގެ ސައިނޯވެކް ބަޔޯޓެކް ކުންފުނިން ޓެސްޓު ކުރަމުންދާ ކޮވިޑް ވެކްސިންގެ 20 މިލިއަން ޑޯޒް ތުރުކީން ގަންނާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ތުރުކީގެ އަނަދޮލޫ ނޫސް އޭޖެންސީން އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި އެގައުމުން މަސައްކަތް ކުރަނީ ކުރިއަށް އޮތް މަހުގައި ސައިނޯވެކްގެ ވެކްސިންގެ 10 މިލިއަން ޑޯޒް ހޯދުމަށް ފަހު ޖެނުއަރީ މަހުވެސް އިތުރު 10 މިލިއަން ޑޯޒް ހޯދުމެވެ. ނަމަވެސް އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

"އަޅުގަނޑުމެންނަށް ޑިސެމްބަރު މަހު ޗައިނާގެ ވެކްސިންގެ 10 މިލިއަން ޑޯޒް ލިބޭނެ. އަޅުގަނޑުމެން ބޭނުން ވަނީ އެ އަދަދު އިތުރު ކުރަން. އަދި ޖެނުއަރީ މަހުވެސް ހަމަ އެހާވަރަށް އެ ވެކްސިން ލިބޭނެ،" ހެލްތުން ބުންޏެވެ.

ތުރުކީ އަކީ ސައިނޯވެކް ވެކްސިން ގަންނަ ދެވަނަ ގައުމެވެ. އެ ވެކްސިން ގަންނާނެ ކަމަށް އެންމެ ފުރަތަމަ ބުނީ ބްރެޒިލް އިންނެވެ.

ސައިނޯވެކް ވެކްސިންގެ ފުރަތަމަ ދެ ފިޔަވަހީގެ ޓެސްޓުތަކުން ދެއްކި ގޮތުގައި އެ ވެކްސިން ދިނުމުން ހަށިގަނޑު ކޮރޯނާވައިރަހުން ދިފާއު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަ އެވެ. ނަމަވެސް ހަށިގަނޑުން ވައިރަސް ނައްތާލުމަށް މަސައްކަތް ކުރާ އެންޓިބޮޑީތައް އެ ވެކްސިން ދިނުމުން އުފެދޭ މިންވަރު، ކޮވިޑުން ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ހުންނަ މިންވަރަށް ވުރެ މަދު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ވެކްސިންގެ އެންމެ ފަހު މަރުހަލާގެ ޓެސްޓުތައް މިހާރު ޕާކިސްތާން، ސައުދީ އަރަބިއާ، ރަޝިއާ، އިންޑޮނޭޝިއާ އަދި ބްރެޒިލްގައި ދަނީ ކުރިއަށްގެންދަމުންނެވެ.

comment ކޮމެންޓް