ސޫތުކުޅިން އައްޑުއާ ހުވަދުއަތޮޅަށް ކާގޯ ދަތުރުތައް ފަށަން ތައްޔާރުވަނީ

އިންޑިއާ ރާއްޖެ ކާގޯ ފެރީ ހދ. ކުޅުދުއްފުށީ ބޭރުގައި -- ފޮޓޯ/ ޕީއެސްއެމް

ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިންޑިއާގެ ޓުޓިކޮރިން (ސޫތުކުޅި)އިން ހުވަދު އަތޮޅަށާއި އައްޑުއަށް ކާގޯ ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ އިތުރު ދަތުރުތަކެކެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަައްކަވަމުން ރައީސް ވިދާޅުވީ ބޭރު ގައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

އަދި ތަނެއް ތަރައްގީވެ ކުރިއަރާ ދިއުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮތުން ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު، ފެށި ކާގޯ ފެރީގެ ހިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމަށް ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

"ހަމަ އެގޮތަށް އައްޑުއަށާއި ހުވަދުއަތޮޅަށް ސީދާ ޓުޓިކޮރިންއިން ބޯޓުފަހަރު އާދެވޭގޮތަށް، އެސްޓީއޯގެ ޝިޕިންގ ކުންފުނިން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ މަސައްކަތް ފަށާނެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ބާއްވާ ކާގޯ ފެރީ ދަތުރުތައް ފެށީ ސެޕްޓެމްބަރު މަހު ފަހުކޮޅުއެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ގެނެސްފައިވަނީ 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދަލެވެ.

ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ މާލެ ޕޯޓަށެވެ. ގައުމީ ޝިޕިން ކުންފުނިން ބުނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދުކުރާ ކޮންމެ ދަތުރު 10 ދުވަސް ހޭދަވާނެކަމަށެވެ.

އެ ކާގޯ ފެރީގެ ދަތުރުތަކުގައި ބޭނުން ކުރަނީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސްސީއައި) އިން އޮޕަރޭޓްކުރާ "އެމްސީޕީ" ނަމަކަށްކިޔާ ކާގޯ ބޯޓެކެވެ.

comment ކޮމެންޓް