ހޯރަފުށި އެއާޕޯޓަކީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން: ރައީސް

މިއަދު ހުޅުވި ހޯރަފުށީ އެއާޕޯޓަކީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެއާޕޯޓު ހުޅުވައިދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ހޯރަފުށީ އެއާޕޯޓަކީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އެޅި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

"މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން. މިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ، މާރަންދޫގެ ރައްޔިތުންވެސް، އުންމީދުކުރަމުން އައި ތަރައްގީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓާއެކު އެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ތަނަވަސްވެ، އަދި އެ އެއާޕޯޓް އިތުރަށް ތަރައްގީވެ ފުރިހަމަވެގެންދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް، އެއާޕޯޓު ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ހަމައެއާއެކު ހޯރަފުށީ އެއާޕޯޓަކީ، އެ ސަރަހައްދުގެ ފަތުރުވެރިކަމަށްވެސް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިހާރު މިއޮތީ، މި ސަރަހައްދުގައި ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ވަގުތު ޖެހިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ގާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރަށު ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރަށުގެ ކައުންސިލަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

ރައީސް ވިދާޅުވީ މިހާތަނަށް އެ އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުސަތުތަކެއް ނެތަސް، މިއަދު ހުޅުވި އެއާޕޯޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުސަތުތަކެއް، އެ ސަރަހައްދުގައި ތަނަވަސްވެގެންދާނެ ކަމަށެވެ.

އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ބިން ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި، އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރަން، ދެވަނަ ފަހަރަށް، ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އެންމެ އަވަހަށް ރިސޯޓް ތަރައްގީކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރުފިނޮޅު ހިމެނޭނެ ކަމަށާއި އަދި އޭގެފަހުން، ހޯރަފުށީގެ އުތުރުން އޮތް މެދަފުށިވެސް، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ލާނެ ކަމަށެވެ.

އޭގެ އިތުރުން، ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް، އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު، އެންމެ މުހިންމު ކަމަކީ، މާލެ ނޫން ސަރަހައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށާއި، އެކަމަށްޓަކައި، ހަނިމާދޫގައި މުޅިން އާ ބައިނަލްއަގުމީ އެއާޕޯޓެއް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މަސައްކަތް ނިމޭއިރު، ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ތިލަދުންމައްޗަށް ފައިބަން ފަށާނެ،" ރައީށް ވިދާޅުވިއެވެ.

އަންނަ އަހަރު މ.މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައި ވާއިރު، ށ. ބިލެތްފައްސާއި، ބ. ތުޅާދޫގެ އެއާޕޯޓުގެ މަސައްކަތް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފަށަން ވަނީ ނިންމައިފައެވެ.

ރައީސް ވިދާޅުވީ ތަނެއް ތަރައްގީވެ ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ، އަދި ފަސޭހައިން މުދާ އުފުލޭނެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮތުން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ، މީހުން އުޅޭ ކޮންމެ ރަށަކުންވެސް، ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި، އެއާޕޯޓެއް އޮންނަ ގޮތަށް، ވައިގެ ބަނދަރުގެ ދަތުރުފަތުރުތައް، ވިއުގައަކުން މުޅި ރާއްޖެ ގުޅާލުން. އަދި އެއާޕޯޓްތަކާ ކައިރީގައިވާ އެހެން ރަށްތައް، ރަނގަޅު ފެރީ ވިއުގައަކުން ގުޅާލަދިނުން،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގުތައް ހެދުމާއި، ކައުންސިލް އިދާރާގެ އިމާރާތާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިމާރާތް، އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ހޯރަފުށްޓަށް ކުރެއްވި ދަތުރުގައި ވެވަޑައިގެންނެވި އިތުރު ވައުދުތައް ހަނދުމަފުޅުއެބަހުރި ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެކަންތައްތައް ވެސް ފެނިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް