އީރާނުގެ ޖާސޫސީ އިދާރާގެ ވެރިޔާއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި ޖާސޫސީ އިދާރާގެ ވެރިޔާ މަހުމޫދު އަލާވީ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ނޮވެމްބަރު 19): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ މަހުމޫދު އަލާވީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން އީރާނުގެ މިނިސްޓާ އޮފް އިންޓެލިޖެންސް އަކީ "އެގައުމުގެ ސަރުކާރުން ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަނެ، ކުރާ އަނިޔާވެރި އަމަލުތަކުގައި އިސް ދައުރެއް އަދާ ކުރައްވާ" ބޭފުޅެކެވެ. އެގޮތުން އެގައުމުން ހައްޔަރު ކުރާ މީހުންގެ ގައިގައި ތަޅާ، ޖިންސީ އަނިޔާކޮށް، ދިގު މުއްދަތަކަށް ސުވާލުކޮށް، ބިރު ދައްކައިގެން ކުށްތަކަށް އިއުތިރާފު ކުރުވުމުގައި އޭނާ ބައިވެރިވާ ކަމަށާއި އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ އޭގެ ސަބަބުން ކަމަށް ޓްރެޝަރީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ބެއްލެވުމުގެ ދަށުން ހިންގާ ޗެރިޓެބުލް ފައުންޑޭޝަންއެއް ކަމަށްވާ އިސްލާމިކް ރިވޮލިއުޝަން މޮސްތަޒަފަން ފައުންޑޭޝަން އާއި އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ދެ އޮފިޝަލަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާފަ އެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ ބަޔާނުގައިވާ ގޮތުން އީރާނުގެ ފައިނޭންސް އާއި ހަކަތަ އައި ކޮންސްޓްރަކްޝަން ފަދަ ދާއިރާތަކުގައި އެ ފައުންޑޭޝަންއާ ގުޅިފައިވާ 100އަށް ވުރެ ގިނަ ކުންފުނި ހުރެ އެވެ. އަދި "ފަގީރުންނަށް އެހީވާން އުފައްދާފައިވާ ކަމަށް ބުނާ އެ ފައުންޑޭޝަން މެދުވެރިކޮށް ލީޑަރު ޚާމަނާއީ އެގައުމުގެ ރައްޔިތުންގެ އަތުން ފައިސާ ނަންގަވާ، އަމިއްލަ މުއްސަނދި ކަމަށާއި އަރިސް ބޭފުޅުންނަށް އިނާޔާތްތައް ދިނުމަށާއި އިދިކޮޅު ފަރާތްތަކަށް އަދަބު ދިނުމަށް އެ ފައިސާ ބޭނުން ކުރައްވާ" ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ފައުންޑޭޝަންއާ ގުޅުން ހުރި 10 މީހަކާއި 50 ވަރަކަށް ސަބްސިޑަރީ ކުންފުންޏާ ދެކޮޅަށްވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފަ އެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެމެރިކާގައި ހުންނަ އެބަޔެއްގެ މުދާ ހިފެހެއްޓޭނެ އެވެ. އަދި އެމެރިކާގެ ރައްޔިތުން އެފަރާތްތަކާ ވިޔަފާރި ކުރުން މަނާ ވާނެ އެވެ.

އެމެރިކާއިން އެ ފިޔަވަޅުތައް އެޅީ، އެގައުމުގައި މި މަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ޓްރަމްޕް، އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާ ދިނުމާ ބެހޭ ގޮތުން އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ މިދިޔަ ބުރާސްފަތި ދުވަހު މަޝްވަރާ ކުރެއްވި ކަމަށް ނިއު ޔޯކް ޓައިމްސްއިން ރިޕޯޓު ކުރި ފަހުންނެވެ. ނަމަވެސް އީރާނަށް ހަމަލާ ނުދިނުމަށް އެ އޮފިޝަލުން ލަފާ ދެއްވި ކަމަށް އެ ނޫހުގައިވެ އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑެން ކާމިޔާބު ކުރެއްވި އެ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ޓްރަމްޕްގެ ސަރުކާރުން ވަނީ އީރާނާ ދެކޮޅަށް މީގެ ކުރިންވެސް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ ބާރުތަކުން އެގައުމާ އެކު 2015 ވަނަ އަހަރު ހެދި އެއްބަސްވުމުން އެމެރިކާ ވަނީ އޮކްޓޯބަރު 2018ގައި ވަކިވެފަ އެވެ.

comment ކޮމެންޓް