ރިސޯޓު ޖޭވީ ތަކުގައިވާ ސަރުކާރު ހިއްސާތައް ނުވިއްކޭ ގޮތް ހަދަނީ

ރާއްޖޭގެ ރިސޯޓެއް: ރިސޯޓުތަކުގެ ސަރުކާރު ޖޭވީތަކުގެ ހިއްސާ ނުވިއްކޭ ގޮތަށް ގާނޫނަށް އިސްލާޙު ގެނައުމަށް ވަނީ ހުށަހަޅާފައި --- ފައިލް ފޮޓޯ

ޓޫރިސްޓް ރިސޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރު ހިމެނޭ ގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައިވާ ސަރުކާރުގެ ހިއްސާ ބަދަލު ނުކުރެވޭ ގޮތަށް ހަދަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ވަނީ އިއްވައިފަ އެވެ.

މިހާރު ޓޫރިޒަމް ގާނޫނުގެ ފަސް ވަނަ މާއްދާގެ ކ. ގައިވާ ގޮތުން ނަމަ، ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅު ފަޅާއި ބިންތައް ތަރައްގީ ކުރުމަށް ހަދާފައިވާ ޖޭވީތަކުގައިވާ ސަރުކާރުގެ ހިއްސާ އެ ޖޭވީގައި ހިއްސާވާ އަނެއް ޕާޓްނަރުންނަށް ވިއްކާލުމުގެ އިހުތިޔާރު ފިނޭންސަށް އޮވެ އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެެ ބިލުގައި، ވަނީ އެ މާއްދާ އުނިކުރުމަށް ހުށަހަޅާފަ އެވެ.

އެ ބިލު އެގޮތަށް ފާސް ވެއްޖެ ނަމަ، ރިސޯޓު ޖޭވީތަކުގައިވާ ސަރުކާރު ހިއްސާ ބަދަލުކުުރުމުގެ އިހުތިޔާރު ސަރުކާރަަކަށް ނުލިބޭނެެ އެވެ.

ބިޑުނުކޮށް ރިސޯޓް ހަދަން ރަށްތަކާއި ފަޅުތައް އަމިއްލަ ފަރާތްތަކަށް ދޫކުރުމުގެ ގޮތުން ސަރުކާރުގެ ވަރަށް ކުޑަ ހިއްސާއަކާ އެކު ޖޭވީތަކެއް ހަދައިގެން އެފަދަ ތަންތަން އަމިއްލަ ފަރާތްތަކަށް ތަރައްގީ ކުރަން މީގެ ކުރިން ދޫކޮށްފައިވެ އެވެ. އަދި ފަހުން ސަރުކާރު ހިއްސާ ވެސް އަމިއްލަ ފަރާތަށް ބަދަލުކުރެ އެވެ. އެހެން އެކަން އޮތުމުން ކޮރަޕްޝަނަށް މަގުފަހިވާކަން އެސްޓް ރިކަވަރީ ކޮމިޝަނުންވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގައި ހިމެނޭ ރަށްތައް ދޫކޮށްފައިވަނީ އެ އުސޫލުގެ ދަށުންނެވެ.

comment ކޮމެންޓް