އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލަން މަޝްވަރާކޮށްފި

މިނިސްޓަރު ޝާހިދު -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން ދެ ގައުމުން މިއަދު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު ހަވީރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިނގިރޭސި ހާރިޖީ އޮފީހުގެ މިނިސްޓަރ ފޯ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިގް އަހްމަދު އޮފް ވިމްބެލްޑަން އާއެކު ބޭއްވި ވާޗުއަލް ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި، އެ ގައުމަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުންނާއި، 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ދެގައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ދެގައުމަށް މުހިންމު އެހެނިހެން ބައެއް ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

comment ކޮމެންޓް