ޓެކުހާ ގުޅޭ މައްސަލަތައް ބަލާއިރު އަމަލު ކުރަން ޖެހޭ ގޮތުގެ ގަވައިދު ނެރެފި

ދިވެހި ރުފިޔާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި (މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) މީރާއިން އަމަލު ކުރާނެ އިޖުރާއަތުގެ ގަވައިދު ގެޒެޓުކޮށްފި އެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލު ކުރާނެ އިޖުރާއަތުގެ ގަވައިދަކީ، މީރާގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ، ޓެކުހާ ގުޅޭ ޖިނާއީ ތަހުގީގުތައް ކުރިއަށްގެންދިޔުމުގައި މީރާއިން އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ ގަވައިދެެވެ. އެ ގަވައިދު ގެޒެޓު ކުރީ މިިދިޔަ ހޯމަ ދުވަހު އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ އެ ގަވައިދުގައި ޓެކްސްއާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުރަމުންދާކަން، ނުވަތަ ކުރަން އުޅޭ ކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން މިރާއިން އަމަލު ކުރާނެ ގޮތާއި، މައްސަލަ ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން މީރާއިން ހިންގާ ތަހުގީގުތަކަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތްވެސް އެ ގަވައިދުގައި ބަޔާން ކުރެ އެވެ.

ތަހުގީގު ކުރުމުގެ ތެރެއިން ބަލައިފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލު ކުރާނެ އުސޫލުތަކާއި، ޕާސްޕޯޓު ހިފެހެއްޓުމާއި، ބޭންކް އެކައުންޓު މޮނިޓާ ކުރުމާއި، އެކައުންޓުގައި ހުންނަ ފައިސާ ހިފެހެއްޓުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައްވެސް ބަޔާންކޮށްފައިވެ އެވެ.

މީރާއަކީ ޓޭކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ މުއައްސަސާއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް