ވޮޝިންޓަން (ނޮވެމްބަރު 18): އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލަމުންދާ ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ ތުހުމަތުތައް ދެގޮކުރެއްވުމުން އިންތިހާބުގެ ސައިބާސެކިއުރިޓީގެ ކަންކަން އިސްކޮށް ބެލެހެއްޓެވި އެގައުމުގެ ސައިބާސެކިއުރިޓީގެ ދާއިރާގެ ވެރިޔާ ކްރިސްޓަފާ ކްރެބްސް މަގާމުން ވަކިކޮށްފިއެވެ.
ކްރިސްޓަފާ ކްރެބްސްއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިންގާ ފެޑެރަލް އިދާރާއެއް ކަމުގައިވާ ސައިބާސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ އޭޖެންސީގެ ފަސްޓް ޑިރެކްޓަރ ނުވަތަ ވެރިޔާއެވެ. ކްރެބްސް މަގާޟުން ވަކިކުރިކަން ރައީސް ޓްރަމްޕް އިއުލާނުކުރެއްވީ ކުރެއްވި ޓްވީޓުތަކެއްގައެވެ.
ދެހާސް އަށާރަވަނަ އަހަރު ސީއައިއެސްއޭ އުފެއްދި ފަހުން އެ އިދާރާގައި އިސްކޮށް ހުންނެވި ކްރެބްސްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި މައްސަލައެއް ނެތް ކަމަށް ކްރެބްސް ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.
"މި އަހަރުގެ އިންތިހާބުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ކްރިސް ކްރެބްސް ނެރުނު ބަޔާނަކީ ހަގީގަތެއް ނޫން، [އިންތިހާބުގައި] މަކަރުހަދައި، ގަވާއިދާ ހިލާފުވެފައިވޭ،" ޓްރަމްޕްގެ ޓުވީޓުގައިވެ އެވެ.
މީގެ އިތުރުން އިންތިހާބުން ފާހަގަ ކުރެވުނު މައްސަލަތަކުގެ ތެރޭގައި މަރުވެފައިވާ މީހުން ވޯޓު ލާފައިވާކަމަށް އޮތުމާއި އިންތިހާބު މޮނިޓާ ކުރާ މީހުންނަށް ވޯޓު ލާ ތަންތަނަށް ނުވަދެވުމާއި ވޯޓުލާން ބޭނުން ކުރާ ސޮފްޓާވެއާގެ މައްސަލައެއްގެ ސަބަބުން ޓްރަމްޕަށް ދީފައިވާ ވޯޓުތައް ޖޯ ބައިޑެންއަށް ބަދަލުވުން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް ފާއިތުވި ދުވަސްތަކުގައި ކްރެބްސް ވަނީ ޓްރަމްޕްގެ އެ ތުހުމަތުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އަދި މި އަހަރުގެ އިންތިހާބު ތެރޭ ކޮމްޕިއުޓަރުން މަކަރު ހެދިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް 59 އިލެކްޝަން ސެކިއުރިޓީ މާހިރުން ވިދާޅުވާ ރިޕޯޓެއް އިއްޔެ ޓުވީޓެއް ކުރައްވާފަ އެވެ.
ކްރެބްސް މަގާމުން ދުރު ކުރުމުން އޭނާ ވިދާޅުވީ އޭނާއަށް ސީއައިއެސްއޭގެ ވެރިޔާގެ މަގާމު އަދާ ކުރެވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި އިލެކްޝަން އޮފިޝަލުން އަމަލު ކުރެއްވީ ރަނގަޅަށް ކަމަށެވެ.
މީގެ ކުރިން މައިކްރޮސޮފްޓްގައި ސައިބަސެކިއުރިޓީ ޕޮލިސީ ޑިރެކްޓަރުކަން ކުރެއްވި ކްރިސްޓަފާ ކްރެބްސް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ އިންތިހާބުތަކަށް ތައްޔާރުވުމަށްޓަކައި އެކިއެކި ނިޒާމުތައް ގާއިމުކުރައްވާފައެވެ. އެގޮތުން ބޭރު ގައުމުތަކުން އިންތިހާބަށް ނުފޫޒު ފޯރުވެވެން އޮތް މަގުތައް ބަންދުކޮށް އިންތިހާބީ ނިޒާމު ވަރުގަދަކުރުމާއި، އަދި ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުމަށްޓަކައި ވެބްސައިޓެއް ގާއިމުކުރުން ހިމެނެއެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބައިޑެންއަށް ވަނީ މިހާތަނަށް 290 އިލެކްޓޯރަލް ވޯޓު ލިބިފަ އެވެ. އަދި ޓްރަމްޕަށް ލިބިފައި ވަނީ 232 އިލެކްޓޯރަލް ވޯޓެވެ. ނަމަވެސް އޭނާ ވަނީ ބަލި ގަބޫލު ކުރައްވަން ދެކޮޅު ހައްދަވާފަ އެވެ.