130 ކިލޯގެ ޑުރަގު މައްސަލައިގައި ހައްޔަރު ކުރި ޝަހީބު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭ ފަޅުން އަތުލައިގަތް 130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު އިބްރާހިމް --

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމް ޝަރީރަތް ނިމެންދެން ބަންދުގައި ބެއްހެޓުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައްޔަރު ކުރީ މިދިޔަ މަހު ހުޅުމާލޭ ފަޅު ތެރޭގައި އޮތް މަސްދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށް އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް 14 ދުވަހަށްފަހު، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި އެވެ. ކްރިމިނިލް ކޯޓުން އޭނާ ދުކޮށްލުމުން ފަހުން ހައި ކޯޓުގެ އެ މައްސަލަ އިސްތިއުނާފު ކުރި އެވެ.

މިއަދު ހައި ކޯޓުން ނިންމީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށެވެ.

އެގޮތަށް ހުކުމް ކުރީ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުންނެވެ.

ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބު މިވަގުތު ހުރީ އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކައުންސިލް މެމްބަރުކަމުން ސަސްޕެންޑު ކޮށްފައެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި، ޝަހީބް އިބްރާހިމްއަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ތެރޭ މަސްތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓާ ޝަހީބު ހަވާލުވެ އެ ބޯޓު މިހާރު ސަފާރީއަކަށް ބަދަލު ކުރާކަން ވެސް ވަނީ ހާމަވެފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި، އެ ބޯޓު މިހާރު އޮތީ ހިންމަފުށީ އޮޑި ހަރުގެއެއްގަ އެވެ. އެކަން އެ ރަށު ކައުންސިލުން ވެސް "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އެ ބޯޓުން އީރާންގެ ހަތް މީހުން ހައްޔަރު ކުރި އިރު، އެ މައްސަލައިގައި ކޯޓުން ޖާމިނުވީ، ޝަހީބް އިބްރާހިމެވެ.

comment ކޮމެންޓް