ވަކި ގައުމެއް ގޯސްނުކޮށް އެންމެންނާ ގުޅުން ބަދަހިކުރޭ: ސިޔާމް

ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ވަކި ގައުމަކީ ނުރަނގަޅު ގައުމެއް ކަމަށް ދައްކައި މަޖިލީހުގެ ރައީސްއާއި މެމްބަރުން ވާހަކަ ދެއްކެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެ، ހުރިހާ ގައުމަކާވެސް ގުޅުން ރަނގަޅުކޮށްގެން އުޅުމަށް ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން މިއަދު ސިޔާމް ވަނީ، ބޭރު ގައުމުތަކުން އެހީ ފޯރުކޮށްދެނީ އެ ގައުމުތަކާ ގުޅުން ރަނގަޅު ގައުމުތަކަށްކަން ފާހަގަ ކުރައްވައިފަ އެވެ. އެހެންވެ، ވަކި ގައުމަކީ ނުރަނގަޅު ގައުމެއް ކަމަށް ބުނެ މަޖިލީހުގެ ރައީސް އާއި މެމްބަރުން ވާހަކަ ދެއްކެވުމަކީ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި ކޮންމެ މީހަކީވެސް، ކޮންމެ ގައުމަކީވެސް ހަމަހަމަ ގައުމެއް ކަމުގައި އެބަ ހަދަން ޖެހޭ. ވަކި ގައުމަކީ އެއީ ނުރަނގަޅު ގައުމެއްގެ ކަމުގައި ދެއްކޭ ގޮތަށް މި މަޖިލީހުގެ ރައީސް އަދި މި މަޖިލީހުގެ މެމްބަރުން ވާހަކަ ދެއްކުމަކީ މިއީކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.

"ހާއްސަކޮށް ޗައިނާ ކަހަލަ ބޮޑެތި ގައުމުތަކާ ޖައްސާލައިގެން މި މަޖިލީހުގެ ބޭފުޅުން އުޅޭ ކަމަށް ވަންޏާ މި ގައުމަށް ވަރަށް ބޮޑެތި، ހަމަ ނޭނގޭ ފަދަ ގެއްލުންވެސް ވެގެން ހިނގައިދާނެ،"

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއިން ނެގި ލޯނުތަކުން ގައުމު ދަަރާފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ފާޑުވިދާޅުވެ އެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުންވެސް ޗައިނާއަށް ފާޑުކިޔައި މަޖިލީހުގައި ވާހަކަ ދައްކަވަ އެވެ.

ސިޔާމް މިއަދު ވިދާޅުވީ ޗައިނާ އަކީ މިއަދު އެމެރިކާއަށް ވުރެ ބޮޑު އިގްތިސާދެއް އޮތް ގައުމެއް ކަމަށެވެ. އެ ގައުމާ ނުލައި ރާއްޖެއަށް ވެސް ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޑިއާވެސް އެހާ މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އިންޑިއާވެސް އެހާ މުހިންމު. އެެމެރިކާވެސް އެހާ މުހިންމު. ހުރިހާ ގައުމެއްވެސް އެހާ މުހިންމު،" ސިޔާމް ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުގައި އަމިއްލަ ސަލާމަތްކަން ދެނެގަންނަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ގައުމުތަކަށް ފާޑުކިޔުމަކީ "އަމިއްލަ އާރާއި ބާރާއި އިއްޒަތް އޮތުމުން ހިތައް އެރީމާ" ބުނެލާ ކަހަލަ ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް މިއަދު ވަނީ ޗައިނާއާ ރާއްޖެއާ އޮންނަ ގުޅުން އަލުން މިހާރަށް ވުރެ ބޮޑަށް ބަދަހި ކުރަން ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައި ފަހުން ޗައިނާއިން ލޯނު ނެގުން ވަނީ މަޑުޖެހިފަ އެވެ. މިހާރު ސަރުކާރުން ޕްރޮޖެކްޓުތައް ފަންޑު ކުރަން ލޯނު ނަގަމުން ދަނީ އިންޑިއާއިންނެވެ.

comment ކޮމެންޓް