މަޖިލީހަކީ ކޯޓަކަށް ރައީސް ނަޝީދު ހައްދަވައިފި: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

ރައްޔިތުންގެ މަޖިލިސް ކޯޓަކަށް ހައްދަވައިފި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދ. މީދޫ ދާއިރާ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގެ ތެރެއިން ޝިޔާމްގެ ވާހަކަ ހުއްޓުވާ އެއަށް ރައްދުދެއްވަން ފެއްޓެވުމުން ސިޔާމް ވަނީ ކޯފާ އިސްވެ، ރައީސް ނަޝީދު މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތަކެއް ނަޝީދަށް ރައްދު ކުރައްވައިފަ އެވެ.

"މަޖިލީހަށް އައީ ރަނގަޅު އަދުލުއިންސާފު ގައިމުކޮށްދޭނާމޭ ކިޔާފައި. އެހެން ނަމަވެސް މިއަދު މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނެއް ހައްދަވައި، މަޖިލީހަކީ ކޯޓަކަށް ތިބޭފުޅާ [ރައީސް ނަޝީދު] ހައްދަވައިފި. މުޅި މި މަޖިލިސް ހަރާބުކޮށްލައިފި. މި މުޅި ގައުމު ހަރާބުކޮށްލައިފި،"ސިިޔާމް ވިދާޅުވި އެވެ.

ބަހުސްގެ ތެރެއިން ސިޔާމްގެ ކުންފުންޏާއި ހިލްޓަން ކުންފުންޏާ ދެމެދު ޖެހިފައިވާ މައްސަލަތަކުގެ ވާހަކަ ދައްކަވަން ފެއްޓެވުމުން ރައީސް ނަޝީދު މެންބަރު ސިޔާމްގެ ވާހަކަ ހުއްޓުވި އެވެ.

"އިއްޒަތްތެރު މެމްބަރުގެ އަމިއްލަ ވިޔަފާރީގެ ވާހަކަފުޅު މިތަނުގައި ތިޔަހެން ދެއްކުމަކީ ރަނގަޅުކަމެއް ނޫން. މިތަނުގެ ގަވައިދު ތަންދޭ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، އޭނާ ދެއްކެވީ "ރާއްޖޭގެ ވާހަކަ، ރާއްޖޭގެ ރައްޔިތުންގެ ވާހަކަ" ކަމަށެވެ.

"އަޅުގަނޑު މި ދައްކަނީ، ރާއްޖޭގައި އަދުލު އިންސާފު ގައިމްވެފައި ނެތް ވާހަކަ. އަޅުގަނޑު މި ދައްކަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މަނިކުފާނު ތިތާ އިނދެގެން ބޭނުން ގޮތަށް ކަންތައް ކުރާ ވާހަކަ. ބޭރު ގައުމަކުން އަޅުގަނޑުމެން ކަހަލަ އާންމު ދިވެހި ރައްޔިތުންގެ އަތުން މުދާތައް ފޭރެމުންދާއިރު، ތިބޭފުޅުން އެމީހުންނަށް އެހީތެރިވަމުންދާ ވާހަކަ،" ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އަނެއްކާވެސް އެވާހަކަތައް ދައްކަން ފެށުމުން އަނެއްކާވެސް ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވާފަ އެވެ.

ސިޔާމް ތުހުމަތު ކުރެއްވި ގޮތުގައި އޭނާގެ ކުންފުނީގެ ލޯނުތައް ފްރީޒް ކުރި މައްސަލައިގައި ރައީސް ނަޝީދާއި ޖޭއެސްސީއިން ހިލްޓަން ކުންފުންޏަށް އެހީތެރިވި އެވެ.

"އަޅުގަނޑު މި ދައްކަނީ ތިބޭފުޅުން އެކަމުގައި ތެރެއަށް ވަތް ވާހަކަށް. އަޅުގަނޑު މިދައްކަނީ ތިބޭފުޅާ [ރައީސް ނަޝީދު] ހިލްޓަން ކުންފުނީގެ ތެރެއަށް ވަދެގެން އެތަނަށް އިންފްލުއެންސް ފޯރުވާ އަޅުގަނޑަށް އަނިޔާ ކުރަމުންދާ ވާހަކަ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމްގެ ވަހާކަފުޅުގައި އޭނާ ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާފަ އެވެ. އެގޮތުން އޭނާގެ ދާއިރާއަށް ބެޖްގައި ބޭނުންވާ ގިނަ ކަންކަން ހިމަނާފައިވާކަން ސިޔާމް ފާހަގަ ކުރެއްވި އެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިހު ރައީސްކަމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ކަމުގެ ތުހުމަތުވެސް ސިޔާމް ކުރެއްވި އެވެ.

comment ކޮމެންޓް