ޓޫރިޒަމް ޕްރޮމޯޓު ކުރަން ބަޖެޓުގައި އިތުރަށް ފައިސާ ހިމަނަން ގޮވާލައިފި

ފުށިފަރު ރިސޯޓުގައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ހަރަކާތްތަކެއް ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން އަންނަ އަހަރުގެ ބަޖެޓުގައި އިތުރަށް ފައިސާ ހިމަނަން ގޮވާލައިފި އެވެ.

ސަރުކާރުން ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޓޫރިޒަމް ދާއިރާގެ ބޮޑު ވިޔަފާރި ވެރިއެއް ކަމަށްވާ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ދިވެހި ދައުލަތުން ކުރާ ހަރަދު މިހާރަށް ވުރެ އިތުރު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މީގައި ވިސްނަން ޖެހޭ އެއްޗަކީ ފަތުރުވެރިކަން މި ހިސާބަށް ދިޔުމަށް، ކުރިއަށް އޮތްތަނުގައި ކުރިއަށް އަޅުގަނޑުމެން ގެންދާ އިރުގައި، ފަތުރުވެރިކަމަށް އިސްތިހާރު ކުރުމަށް އިތުރަށް އަޅުގަނޑުމެން ހަަރަދު ކުރަން ޖެހޭ ދިވެހި ދައުލަތުން މިއަދަށް ވުރެ މާ ބޮޑަށް،" ސިޔާމް ވިދާޅުވި އެވެ.

މިހާރުވެސް ސީއެންއެންއާއި ބީބީސީ ފަދަ ތަންތަނުން ރާއްޖޭގެ އިސްތިހާރުތައް ދައްކާތީ އުފާ ކުރައްވާ ކަމަށާއި، ނަމަވެސް އެއަށް ވުރެ ބޮޑަށް އަދިވެސް އިސްތިހާރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަޖެޓުގައި އިތުރު ކުރަން އަޅުގަނޑު އެދެން ފަތުރުވެރިކަން އަދި ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު އޭގެ ރަނގަޅު ގޮތުގައި ހަރުދަނާ ގޮތުގައި ގެންގުޅުމަށް ޓަކައި ރަނގަޅު އެޑްވަޓައިޒްމެންޓް ބަޖެޓަށް މިއަަށް ވުރެ ރަނގަޅު ގޮތުގައި ގެނައުމަށް އަޅުގަނޑު އެދެން،" ސިިޔާމް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ރިސޯޓުތަކުގެ ވެރިން މަޝްވަރާ ކުރުމަށް ފަހު ވިސްނުން ގެންގުޅުނީ ޑިސެމްބަރު ނޫނީ ޖެނުއަރީ ހިސާބުގައި ރިސޯޓުތައް ހުޅުވަން ކަމަށް ސިޔާމް ވިދާޅުވި އެވެ. ނަމަވެސް، ރިސޯޓުތައް ހުޅުވީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއްގެ މަތިން ކަމަށް ސިޔާމް ވިދާޅުވި އެވެ.

އެގޮތުން، ޖުލައި 15ގައި އަމިއްލަފުޅު ހަތަރު ރިސޯޓުވެސް ހުޅުއްވި ކަމަށް ސިޔާމް ވިދާޅުވި އެވެ. ރިސޯޓުތައް ހުޅުއްވި އިރު ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިިޔާމް ވިދާޅުވީ، ރިސޯޓުތައް ހުޅުއްވި އިރު ހެޔޮ ގޮތް ވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އެހެންނަމަވެސް، ފަތުރުވެރިން އަންނަލެއް މަދު ކަމުން ރިސޯޓުތައް ހިންގަން ޖެހިފައި ވަނީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރީ މިކަން ރަނގަޅުވެގެންދާނެ ކަމަކަށް. ނަމަވެސް، މިއަދާ ހަމައަށް ދިޔަ އިރުގައި، އެނގިލައްވާނެ ފަދައިން 400، 500 ކޮޓަރި ހުންނަ ބައެއް ރިސޯޓުތައް ހުޅުވައިގެން ހުރިހާ މުވައްޒަފުންނަށް މުސާރަ ދީ، އެ މީހުންނަށް ހުރިހާ ކަމެއް ކޮށްދީ، އަދި ރިސޯޓަށް އަންނަ އެންމެންގެ ހިދުމަތްތައްް ބަލަހައްޓައިގެން 20 ޕަސެންޓު އޮކިއުޕެންސީގައި ހަގީގަތުގައި މިދަނީ ދެކޮޅު ނުޖެހި ވަރަށް ބޮޑު ގެއްލުމެއްގައި،" ސިޔާމް ވިދާޅުވި އެވެ.

ބޮޑެތި ޑިސްކައުންޓުތަކުގައި ކޮޓަރިތައް ވިއްކަމުންދާއިރު، އެކަމުގެ ސަބަބުން ފަތުރުވެރިކަމުން ސަރުކާރަށް ލިބޭ އާންމުދަނީވެސް ކުޑަވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިޔާމް ވިދާޅުވީ، ކުރިއަރާފައި ހުރި ގައުމުތަކުގައި ވަޒީފާ ގެއްލުނު ކަމުގައިވިޔަސް ސަރުކާރުތަކުން އެ މީހުންނަށް މުސާރައަށްވާ ފައިސާ ދެމުންދާ ކަމަށެވެ. އޭގެ އިތުރުން، އެފަދަ ގައުމުތަކުގައި މީހުންނަށް ފައިސާ ރައްކާކުރެވިފައި ވުމުގެ ސަބަބުން އެ މީހުންގެ އަތުގައި ހަރަދު ކުރާނެ ފައިސާ އެބަ ހުރި ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ 25 ޕަސެންޓް ސީދާގޮތެއްގައި ހިއްސާ ކުރަނީ ޓޫރިޒަމްގެ ދާއިރާ އެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ޕްރޮމޯޓު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 154.2 މިލިއަން ރުފިޔާ (10 މިލިއަން ޑޮލަރު) އެވެ.

މިދިޔަ 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައި ނަމަވެސް ކޮވިޑާއެކު އައި ހީނަރުކަމުގެ ސަބަބުން މިއަހަަރު އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 500،000 ޓޫރިސްޓުންނެވެ.

comment ކޮމެންޓް