ކަމަލާ ހެރިސްއަށް ނަސްލީ ގޮތުން ދިމާކުރާ ޕޯސްޓްތައް ފޭސްބުކުން ނަގަނީ

އެމެރިކާގެ އިންތިހާބީ ނައިބު ރައީސް ކަމަލާ ހެރިސް --

އެމެރިކާގެ ނާއިބު ރައީސްކަމަށް އިންތިހާބުވި ކަމަލާ ހޭރިސްއާ ނަސްލީ ގޮތުންނާއި އަންހެނަކަށް ވީތީ ދިމާކުރާ ޕޯސްޓްތައް ފޭސްބުކްއިން ނަގަން ފަށައިފި އެެވެ.

ބީބީސީއިން ބުނީ ފޭސްބުކްއިން އެފަދަ ޕޯސްޓުތައް ނަގަން ފެށީ އެ ނިއުސް ނެޓްވޯކުން އެކަން ފޭސްބުކްގެ ސަމާލުކަމަށް ގެނައުމުން ކަމަށެވެ.

އެފަދަ ޕޯސްޓުތައް ނެގި ނަމަވެސް އެ ޕޯސްޓުތައް ކުރާ ފޭސްބުކް ޕޭޖުތައް ނުނަގާނެކަމަށް ފޭސްބުކްއިން ބުންޏެވެ.

އެފަދަ ޕޯސްޓުތަކުގައި ކަމަލާއަކީ އެމެރިކާގެ ރައްޔިތެއް ނޫން ކަމަށާއި އިންޑިއާއަށް ޑީޕޯޓްކޮށްލަން ޖެހޭކަމަށްވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން ކަމަލާއަށް ނިސްބަތްކޮށް އެތަކެއް މީމްތަކެއްވެސް ހަދާފައިވެ އެވެ.

ބީބީސީން ބުނީ އެފަދަ ޕޯސްޓުތައް ކުރާ އެއް ޕޭޖުގައި 4000 އެއްހާ މީހުން ތިބި ކަމަށެވެ.

ކަމަލާގެ މަންމައަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އަދި ބައްޕައަކީ ޖެމެއިކާއަށް އުފަން ބޭފުޅެކެވެ.

ނަފްރަތު އުފެދާ ވާހަކަތައް ފޭސްބުކްއިން ނުނަގާކަމަށް ބުނެ މީގެ ސިވިލް ރައިޓްސް ގްރޫޕްތަކުގެ ފާޑުކިޔުން ފޭސްބުކަށް މީގެ ކުރިން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން އެތައް ސަތޭކަ ކުންފުންޏަކުން މިދިޔަ އޮގަސްޓުމަހު ވަނީ ފޭސްބުކްގައި އިޝްތިހާރުކުރުންވެސް ހުއްޓާލައިފަ އެވެ. -- ބީބީސީ

comment ކޮމެންޓް