މާޗު 6 ގައި ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަނީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު -- ފޮޓީޯ/ މަޖިލިސް

ކޮވިޑް19 އާ ގުޅިގެން އަންނަ އަހަރަށް ލަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރާއްޖެޓީވީގެ ރޭގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުން ހާއްސަ ގާނޫނުން ލާޒިމްކުރަނީ، ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައި ކަމަށެވެ.

ގާނޫނުގައި އެހެން އޮތް ނަމަވެސް، އިންތިހާބުގެ ކަންކަމަކީ ކުއްލިއަކަށް ނިންމޭނެ ކަންކަމަށް ނުވާތީ، އެކަމަށް ދުރާލާ ތައްޔާރުވެ، ޝެޑިއުލް ހަދާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެގޮތުން މިހާރު އިލެކްޝަންސް ކޮމިޝަނުން ޝެޑިއުލްކޮށްފައި އޮތް ގޮތުން، އަދި ކޮމިޝަންގެ ތެރޭގައި މަޝްވަރާކުރެވި، ކޮމިޝަނުން ތާރީހު ނުނިންމާ އޮތް ކަމުގައި ވިޔަސް، އިންތިހާބު ބޭއްވޭނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ އަދި ޝެޑިއުލްކޮށްފައި މިހާރު އިތީ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ހޮނިހިރު ދުވަހު،" ޝަރީފް ވިދާޅުވިއެވެ.

މާޗް މަހުގެ ފުރަތަމަ ހަފްތާގެ ހޮނިހިރު ދުވަހަކީ މަޗު ހަ ވަނަ ދުވަހެވެ.

ޝަރީފް ވަނީ އެއީ އަދި ފައިނަލް ތާރީހު ނޫން ކަމަށާއި، މާޗު ހައެއްގައި އިންތިހާބު ބާއްވަން ޝެޑިއުލް ކުރީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.

އެ އިންތިހާބާ ގުޅޭ ހާއްސަ ގާނޫނު ބުނާގޮތުން ރައީސް ބިލް ތަސްދީގުކޮށް ގާނޫނަކަށް ވާތާ އެއް އަހަރުގެ ތެރޭގައި އިންތިހާބު ބާއްވާ ނިންމަން ޖެހެއެވެ.

ޝަރީފް ވިދާޅުވީ އެ އެއް އަހަރު ދުވަސް ހަމަވާނީ މެއި މަހުގެ ތެރޭގައި ކަމަށާއި އެ ތާރީހުގެ ތެރޭގައި ރޯދަ މަސް އަންނަ ކަމަށެވެ.

ނަމަވެސް ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވައި، ކެމްޕޭނާއި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، އީސީގެ ވިސްނުން ހުރީ ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުން ކަމަށެވެ.

"އެހެން ނަމަވެސް އަދި ކޮމިޝަނުގައި ވަކި ގޮތަކަށް ނިންމީއެއް ނޫން. އެ ނިންމުން ނިންމާނީ ިސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާނުކުރާތާ އެ މުއްދަތުގައި އަޅުގަނޑުމެން އެ ތާރީހު އިއުލާނުކުރާނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނީ، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް ގާނޫނުން ދިނުން ލާޒިމުކުރާ މުއްދަތު ދިނުމަށްފަހުގައި ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލްކުރި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެ މަގާމުތަކަށް ޖުމްލަ 2،400 ކެންޑިޑޭޓުން ކުރިމަތިލި އެވެ.

ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމުން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓްގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެއީ އެންމެ ފުރަތަމަ އެ އިންތިހާބަށް ކަނޑައެޅި ބަޖެޓަށްވުރެ 31.5 މިލިއަން އިތުރުވުމެކެވެ. މިއަހަރު އެންމެ ފުރަތަމަ ބާއްވަން ތާވަލް ކުރި އެ އިންތިހާބަށް ފުރަތަމަ ކަނޑައެޅީ، 17.6 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް