އަދުރޭ ނަޝީދަށް: ކިތަންމެ ރުޅިއަޔަސް ދަރަނި ބޮޑުވީމަ ރައްޔިތުން ބަޖެޓު ބަލައިނުގަންނާނެ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ދަރަނީގެ ބައި ބޮޑުވުމުން ރައްޔިތުން އެ ބަޖެޓު ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ބަޖެޓަށް ބުރަވަނީ ކުރީގެ ސަރުކާރުން ނަގާފައިހުރި ލޯނުތަކުގެ ސަބަބުން ކަމަށެވެ.

https://sun.mv/145715

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޖަލްސާއެއްގައި ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ އަންނަ އަހަރު ހިންގަން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކަކީ އިގްތިސާދަށް ނުކަތާ މަޝްރޫއުތަކެއް ކަމަށާއި އެ މަޝްރޫއުތައް ހިންގުމަށްވުރެ ނުހިންގުން ގާތް ކަމަށް އެމްއެމްއޭގެ ގަވަރުނަރުވެސް ވިދާޅުވެފައިވާ ކަމަށެވެ.

"އެއީ އެމްއެމްއޭގެ ގަވަރުނަރު. ތިމަންނަމެން ދިން ލަފާގެ އެއްބައޭ ފިނޭންސް މިނިސްޓަރު އަޑުއެހީ. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން، މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދައްކާ ވާހަކަ. ދެން މިދަންނަވަނީ ތިމަންނަމެންގެ ސަބަބުންނެއް ނޫނޭ ދަރަނި ބޮޑުވީ. ދަރަނި ބޮޑުވީ ރައީސް ޔާމީންގެ ސަބަބުންނޭ،" އަދުރޭ ވިދާޅުވި އެވެ.

https://sun.mv/145597

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ދަރަނިވެރިވެފައި ކަމަށެވެ. އަދި އެ ހާލަތުން އަރައިގަނެ، ރާއްޖެއަކީ ފުދުންތެރި ގައުމަކަށް ހެއްދެވީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވެރިކަމާ ހަވާލުވީއިރު އޮތީ ދަރަނިވެރިވެފައި. ހަވާލުވެވަޑައިގެންނެވިއިރު ރައީސް ނަޝީދު 2008ވަނަ އަހަރުން ފެށިގެން 2012ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް ހަމައެކަނި އަދާނުކޮށް ހުރި ބިލުތަކުގެ ޖުމުލަ ތިން ބިލިއަން ރުފިޔާއަށް އަރާ. އެ ފައިސާ ދެއްކެވީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓުގައި ހުރިކަންކަން ރައްޔިތުންނަށް ވެސް އެނގި ސާފުވާ ކަމަށާއި ނަޝީދު ހިތްހަމަޖެހިވަޑައިނުގެންނެވި ނަމަވެސް، ރައްޔިތުން އެ ބަޖެޓު ބަލައިނުގަންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކަމަކީ 34 ބިލިއަނުގެ ބަޖެޓެއްގައި 33 ބިލިއަން ދަރަނި އޮތީމަ ދެން އެ ބަޖެޓު ދެކޮޅު ނުޖެހޭނެކަން. 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަނި އޮތީމަ އެ ބަޖެޓަކީ ތާކުންތާކު ޖެހޭ ބަޖެޓަކަށް ނުވާނެކަން. ކިތަންމެ ރުޅި އަޔަސް ކިތަންމެ ހިތްހަމަ ނުޖެހުނަސް ދިވެހި ރައްޔިތުން ތި ބަޖެޓު ބަލައިނުގަންނާނެ،" އަދުރޭ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާ އެވެ.

އިގްތިސާދު ކުރިން އޮތް ހާލަތަށް ގެންދެވޭނީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވާއިރު، އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

https://sun.mv/145644

comment ކޮމެންޓް