ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ފެއްޓެވީ ރައީސް ޔާމީން، މި ސަރުކާރަށް އާ ކަމެއް ނުކުރެވޭ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި މި ސަރުކާރަށް އާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅާއެކު ހުޅުވި ހޯރަފުށީ އެއާޕޯޓުގެ ހިދުމަތް އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބުމަކީ އުފާވެރި ކަމެއް ކަމަށެވެ.

އެ އެއާޕޯޓަކީ މި ސަރުކާރުން އެޅި އެއާޕޯޓެކޭ ބުންޏަސް ގަބޫލު ނުކުރެވޭނެ ކަމަށާއި މި ސަރުކާރަށް އާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިއަދު ކިތަންމެ ވަރަކަށް އެއީ ތިމަންނާމެންގެ އެއާޕޯޓެކޭ ބުންޏަސް އެކަމެއް ގަބޫލެއް ނުކުރާނަން. ރައީސް ޔާމީން ވިދާޅުވީ އިރާދަކުރެއްވިއްޔާ މުސްތަގްބަލުގައި މި ހޯރަފުށްޓަށް ޖައްސާނީ ހޯރައެއް ނޫނޭ މަތިންދާބޯޓޭ. ބަޖެޓު ހޯއްދެވީ ރައީސް ޔާމީން. މަހާޖައްރާފު ގެންގޮސް އެތަން ހިއްކަން ބޭއްވީ ރައީސް ޔާމީން. މި ސަރުކާރަށް އާ އެއްކަމެއްވެސް ނުކުރެވޭ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވަނީ ހޯރަފުށީ އެއާޕޯޓުގެ ހިދުމަތް އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާތީ، ރައީސް ޔާމީންގެ ނަންފުޅުގައި ހޯރަފުށްޓާއި އެ ސަރަހައްދުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމި، އިއްޔެ އެ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓެއްވެސް ވަނީ ޖައްސާފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހަމަޖައްސާފައި އޮތީ ހޯރަފުށީ އެއާޕޯޓު އެ އަތޮޅު މާފިނޮޅުން ބިން ހިއްކައިގެން އެޅުމަަށެވެ. އެއީ މާލެ ސަރަހައްދުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަކި ރަށެއްގައި އޮންނަ ގޮތަށް އެއާޕޯޓެއް އެޅުމަށްޓަކަ އެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް، ހޯރަފުށީގެ ފަޅު ހިއްކައިގެން އެއާޕޯޓު އަޅަން ނިންމީ މި ސަރުކާރުންނެވެ.

comment ކޮމެންޓް