ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އިސްތިއުފާދީފި

މުލްހާ އަލީ: އޭނާ ވަނީ މެޖިސްޓްރޭޓްކަމުން އިސްތިއުފާ ދެއްވާފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

މެޖިސްޓްރޭޓް މުލްހާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މި މަހުގެ 15 ވަނަ ދުވަހު ނިންމާފައި ވަނިކޮށެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެޖިސްޓްރޭޓް މުލްހާ ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް މެޖިސްޓްރޭޓް މުލްހާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް މުލްހާގެ މައްޗަށް ތަހްގީގުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، މެޖިސްޓްރޭޓް މުލްހާ، ދިފާއީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާކަމާއި، މައްސަލަތަކުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން މެޖިސްޓްރޭޓް މުލްހާ ދިރިއުޅޭ ގެއަށްގޮސް މުލްހާ އާ ބައްދަލުކުރާ ކަމަށް ތުހުމަތުވާ މައްސަލަތައް ހިމެނެއެވެ.

އޭގެ އިތުރުން 2019 އޮކްޓޫބަރު 19 ވަނަ ދުވަހު މެޖިސްޓްރޭޓް މުލްހާގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޒު ފޯރުވައި ތަހުގީގަށް ހުރަސްއަޅައި ދަތިކުރުމަށްޓަކައި މެޖިސްޓްރޭޓް މުލްހާ މަލުކުރިކަމާއި، މުލްހާގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިޔަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖްރާއަތާ ހިލާފަށް އެމައްސަލައިގެ ލިޔުންތައް ހޯދުމަށް މުލްހާ މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ މައްސަލަ ހިމެނެއެވެ.

މުލްހާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރަމުްނ ދިޔައިރު، އެ މަގާމުގައި އޭނާ ދެމިހުރެއްޖެ ނަމަ މައްސަލަތައް ތަހުގީގުކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ވަގުތީ ގޮތުން 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރު ކުރިއެވެ.

ފުވައްމުލަކު މެޖިސްޓްރޭޓްގެ މަގާމަށް މަލްހާ އަލީ އައްޔަނު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު އެވެ.

comment ކޮމެންޓް