ޓްރަމްޕް އިންތިހާބުން ނާކާމިޔާބުވުމުން އީރާނަށް ހަމަލާ ދިނުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި: އެންވައިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ނޮވެމްބަރު 17): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބުން ނާކާމިޔާބު ވުމުން، އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާ ދިނުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފި އެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އޯވަލް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ "ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުގެ މައި ނިއުކްލިއާ ސައިޓުތަކަށް ހަމަލާ ދިނުމާ" ބެހޭ ގޮތުން ސަރުކާރުގެ އިސް ބޭފުޅުންނާ ސުވާލު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ނައިބު ރައީސް މައިކް ޕެންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް މައިކް މިލޭ ހިމެނެ އެވެ.

ޓްރަމްޕް އެ ސުވާލު ކުރެއްވުމުން ސަރުކާރުގެ އޮފިޝަލުން ލަފާ ދެއްވީ ހަމަލާ ނުދިނުމަށް ކަމަށާއި އެއީ އޭގެ ސަބަބުން ރައީސްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ބޮޑު ހަމަނުޖެހުމެއް ފެށިދާނެތީ ކަމަށް ޓައިމްސްގައިވެ އެވެ.

ޓްރަމްޕް އެފަދައިން ވާހަކަ ދެއްކެވީ، އީރާނުން ޔުރޭނިއަމް ރައްކާ ކުރަމުންދާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އިން ބުނި ފަހުންނެވެ. އެގޮތުން އީރާނުން ދުނިޔޭގެ ބާރުތަކާ އެކު ހަދާފައިވާ އެއްބަސްވުމުގައި އެގައުމުން ޔުރޭނިއަމް ރައްކާ ކުރާނެ މިންވަރު ކަމަށް ބުނެފައިވާ ވަރަށް ވުރެ 12 ގުނަ އިތުރަށް އެއް ނިއުކްލިއާ ސައިޓުގައި ޔުރޭނިއަމް ރައްކާކޮށްފައިވާ ކަމަށް އައިއޭއީއޭގެ ރިޕޯޓެއްގައިވެ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ ބާރުތަކުން އެގައުމާ އެކު 2015 ވަނަ އަހަރު ހެދި އެއްބަސްވުމުން އެމެރިކާ ވަނީ އޮކްޓޯބަރު 2018ގައި ވަކިވެފަ އެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އެމެރިކާގައި މިމަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން ކަމަށް އެގައުމުގެ މީޑިއާތަކުން މިމަހުގެ ހަތެއްގައި ރިޕޯޓު ކުރި ނަމަވެސް ޓްރަމްޕް ވަނީ ނަތީޖާ ގަބޫލު ކުރައްވަން ދެކޮޅު ހައްދަވާފަ އެވެ. އަދި ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވުމުން އޭނާގެ ކެމްޕޭނުން ވަނީ ބައެއް ސްޓޭޓުތަކުގައި އިންތިހާބާ ދެކޮޅަށް ކޯޓަށް މައްސަލަތައް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތަކަށް ބާރުގެ ދޭ ހެކި ލިބިފައި ނުވުމުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްލާފަ އެވެ.

comment ކޮމެންޓް