ކަނޑުމަހުން ކޮވިޑް ނުޖެހޭކަން ދެއްކުމަށް ލަންކާގެ ކުރީގެ މިނިސްޓަރަކު ރޯ މަހެއް ކައިފި

ލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓާ އޮފް ފިޝެރީސް ޑިލިޕް ވެއްޑަރައްޗީ ނޫސް ކޮންފަރެންސްއެއްގައި ރޯ މަހެއް ފަރިއްކުޅުއްވަނީ -- ފޮޓޯ: ނިއުސްވަޔާ

ކޮލަމްބޯ (ނޮވެމްބަރު 17): ކަނޑުމަސް ކެއުމުން ކޮވިޑް ނުޖެހޭނެކަން ސާބިތުކޮށްދިނުމަށާއި މަސް ގަންނަން ހިތްވަރު ދިނުމުގެ ގޮތުން ސްރީލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓަރަކު ޓީވީއަށް އަރާ، ރޯ މަހެއް ފަރިއްކުޅުއްވައިފި އެވެ.

ލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓާ އޮފް ފިޝެރީސް ޑިލިޕް ވެއްޑަރައްޗީ ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މަސްވެރިންނަށް ވަނީ މާލީ ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އަދި މަސްވެރިންނަށް އެހީތެރިވެވޭނެ ގޮތަކީ މަސް ގަތުމެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން ވެއްޑަރައްޗީ އެ ބައްދަލުވުމުގައި ކޮތަޅަކުން ރޯ މަހެއް ނެންގެވި އެވެ. އަދި އެއީ ތާޒާ މަހެއް ކަމަށް ވިދާޅުވެ، ފަރިއްކުޅުއްވި އެވެ.

އެ މަސް ފަރިއްކުޅުއްވުމަށް ފަހުވެސް ވެއްޑަރައްޗީ ވާހަކަ ދައްކަވަމުން ގެންދެވި އެވެ. އަދި މަސް ގަންނަން ރައްޔިތުންނަސް ހިތްވަރު ދިނުމާއި މަހުން ބަލި ނުޖެހޭނެކަން އަންގައި ދިނުމަކީ ސަރުކާރާއި ހެލްތު މިނިސްޓްރީގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް