މިއީ ކަޅުވަކަރު މިސްކިތުގެ ދާއިމީ ވަޒަނަށްވާނެ ކަމަށް އުއްމީދު ކުރަން: ރައީސް

ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ކަޅުވަކަރު މިސްކިތް އަލުން ރަވާފައިވާ ބިމަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކަޅުވަކަރު މިސްކިތާއި އެ މިސްކިތާ ގުޅިގެން ހަދާފައިވާ މައިޒާން ހުޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ކަޅުވަކަރު މިސްކަިތަކީ ދިވެހިންގެ ސަގާފަތާއި ފަންނުވެރިކަމާ ގުޅިފައިވާ މިސްކިތެއް ކަމަށެވެ. އަދި އެ މިސްކިތަށް އެތައް ގެއްލުމެއް ދިންއިރު ވެސް ދިވެހިންނާ ވަކިވާން ބޭނުން ނުވި މިސްކިތަކަށް އެ މިސްކިތް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތްތަކުން އެތައް ގެއްލުންތަކެއް ދިންއިރުވެސް، އަޅުގަނޑުމެންނާ ވަކިވާން ބޭނުންނުވި މިސްކިތެއް. ދިވެހިންގެ އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ، ތާރީހީ ހަޒާނާއެއްވެސްމެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ ގާއިމްވެ ހުންނާނެ ގޯއްޗެއް ކަށަވަރު ނުވެ 200 އަށް ވުރެ ގިނަ އަހަރު މާލޭ ރައްޔިތުންނާ އެކު އުޅެމުން ގޮސްފައިވާ މިސްކިތެއް ކަމަށެވެ.

"ގާއިމުވެ ހުންނާނޭ ގޯއްޗެއް ނުވަތަ ބިމެއް ކަށަވަރުނުވެ، 230 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން، މާލޭގެ ރައްޔިތުންނާ އެކު އުޅެމުން އައި މިސްކިތެއް. އަޅުގަނޑު އުންމީދުކުރަނީ، މި ސަރުކާރުން ކަޅުވަކަރު މިސްކިތަށް ހަމަޖައްސައިދިން މި ބިމަކީ، މި މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެންދާނެކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވާނުވާ ނޭނގޭ އަނދިރިކަމެއްގައި ވަނިކޮށް، ސަރުކާރުން މި މިސްކިތް އަލުން ބިނާކޮށްފައި ވަނީ ގާނޫނީ ގޮތުން ވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފަހު ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި، ސަގާފީ ތަރިކައިގެ ގާނޫނު ބުނާ ގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެ ވެސް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ގާނޫނުގައި ހަތަރު ބާވަތެއްގެ ސަގާފީ ތަރިކަ ބަޔާންކޮށްދީފައި އެބައޮތް. އެއީ، އުފުލޭ ސަގާފީ ތަރިކައާއި އާސާރީ ބިނާތަކާއި އާސާރީ ސަރަޙައްދުތަކާއި މާނަވީ ސަގާފީ ތަރިކަ. މިދެންނެވި ބާވަތްތައް، މި ގާނޫނުގައި މާނަކޮށްދީފައި އޮތްގޮތަށް ބަލާ އިރު، ކަޅުވަކަރު މިސްކިތަކީ، މި ދެންނެވި ހަތަރު ބާވަތުގެ ތަރިކައިގެ ގޮތުގައި ވެސް ހިމެނޭ ބިނާއެއް. މި ސަބަބަށް ޓަކައި، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ، މިފަދަ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް،" ރައީސް ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް ދިވެހިންގެ ތާރީހުގައި ހާއްސަ ވަނީ ހަމައެކަނި އެވޭލާ ޒަމާނުގެ މިސްކިތަކަށް ވާތީ ނޫން ކަމަށާއި އިމާރާތް ކުރުމުގެ ފަންނުވެރި ކަމަށް ބެލިނަމަވެސް، މިއީ ވަރަށް މުހިންމު މިސްކިތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މިސްކިތް ބިނާކުރުމަށް ބޭނުންކުރެވިފައިވާ ތަކެއްޗަށް ބެލިނަމަވެސް ކަޅުވަކަރު މިސްކިަތަކީ ނާދިރު މިސްކިތެއް ކަމަށާއިރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތަކީ ކަޅުވަކަރު މިސްކިތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް މި މިސްކިތަކީ، ރާއްޖޭގެ ބަހަވީ ތަރިކައާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އާސާރީ ބިނާއެއް. މިސްކިތަށް ވަންނަ ދޮރުގެ ކަނާތްފަރާތުގައި، ހިރިގަލުގައި ބިންވަޅު ނަގާފައި އެހެރަ، ރީތި ނިޝާނަކީ، އައްސުލްތޯން ހަސަން ނޫރައްދީން އެކެއްގެ ސިއްކަފުޅާ އެއްގޮތަށް، މުސްކުޅި ތާނައަކުރުން ލިޔެފައިވާ މާނަ ފުން ރަމްޒެއް،"

ރައީސް ވިދާޅުވީ ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ އެތައް ބާވަތެއް، ކަޅުވަކަރު މިސްކިތުން ފެންނަން އެބަހުރި ކަމަށެވެ.

"އެއްކަމަކީ ގަލުވަޑާމުގެ މަސައްކަތް. ދެން ފެންނަނީ ލަކުޑީގައި ކޮށްފައިވާ ތެދުއުއި ވަޑާމުގެ މަސައްކަތާއި ހިރިގަލުގައި ކަނޑައިނަގައިގެން ކުރެހުމާއި ލިޔުން. އޭގެ އިތުރުން، ލަކުޑީގައި ބިންވަޅު ނަގައިގެން ކުރެހުމާއި ލިޔުމާއި ލާފެންކުރުމުގެ މަސައްކަތް ވެސް މި މިސްކިތުން ފެނިގެންދޭ. މި ހުރިހާ މަސައްކަތެއް، އޭގެ އެންމެ ފުރިހަމަ ދިވެހިވަންތަ ސިފަތަކާ އެކު، މި ކުޑަކުޑަ މިސްކިތުން ފެންނަން އެބަހުރި. މިފަދަ ސަގާފީ ތަރިކައެއް އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދިޔަނުދީ ރައްކާތެރިކުރުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ރާއްޖޭގެ ތާރީހީ ދިރާސާތަކަށްޓަކައިވެސް އެކަން އެބަ ކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ޒަމާނުގައި ތަރިކަ އަގު ކުރެވޭ ގޮތަށް ބަލާއިރު، ތަރިކައަކީ އިގްތިސޯދީ ވަރަށް މުހިންމު ވަސީލަތެއް. ކަމަށެވެ. ސަގާފީ ތަރިކައަކީ، ފަތުރުވެރިކަން ވިއްކުމުގައި، ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތް ކަމަށާއޮ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި، ސަގާފަތާއި ތަރިކައާ ގުޅުވުމަކީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

"މި ސަބަބަށްޓަކައި، މިއަދު އަޅުގަނޑުމެން ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިގްތިސޯދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން. ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުން ސަލާމަތްވުމަށް ޓަކައި، މި އަންނަ އަހަރުގެ ތެރޭގައި އިގްތިސޯދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު، ރާއްޖޭގައި ސަގާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް