ބޯޑާ މައިލްސްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު

ރާއްޖެ އައި ފަތުރުވެރިންތަކެއް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށާއި ރާއްޖޭގެ ފަތުުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ "މޯލްޑިވްސް ބޯޑާ މައިލްސް" ގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން އިފްތިތާހު ކުރި މޯލްޑިވްސް ބޯޑާ މައިލްސް އަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަ ޕޮއިންޓު ލިބޭ އުސޫލުން ކުރިއަށްގެންދާ ސްކީމެކެވެ. ހާއްސަ މުނާސަބަތުތައް ފާހަގަ ކުރަން ރާއްޖެ އަންނަ ފަތުރުވެރިންނަށް މި ސްކީމުގެ ދަށުން ޕޮއިންޓު ލިބެއެވެ. އަދި ރާއްޖޭގައި ހޭދަކުރާ މުއްދަތަށާއި ރާއްޖެ އަންނަ ކޮންމެ ފަހަރަކުވެސް މި ލޯޔަލިޓީ ސްކީމުގެ ދަށުން ޕޮއިންޓް ލިބޭނެއެވެ.

ބޯޑާ މައިލްސްއަކީ އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފުކުރި ޕްރޮގްރާމެކެވެ. އިމިގްރޭޝަނުން ބުނީ ބޯޑާ މައިލްސްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ޓޫރިސްޓުންނަށް ހިދުމަތްދޭ ފެސިލިޓީތަކަށާއި ޓޫރިސްޓުންނަށް ހިދުމަތްދޭ އެހެން ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ބޯޑާ މައިލްސް ޕްރޮގްރާމާއެކު ރާއްޖެ އަންނަ ފަތުރުވެރިންނަށް ގިނަ އިނާޔަތްތައް ލިބޭނެއެވެ. މި ސްކީމުގެ ތިން ގިންތިއެއް ހިމަނާފައިވާއިރު އެއީ ބްރޯންޒް "އައިދަ" އާއި ސިލްވާ "އަންތަރަ" އަދި ގޯލްޑް "އަބާރަނަ" އެވެ.

comment ކޮމެންޓް