އިންސާފުގެ ކުޑަަނަމަވެސް އިހުސާސެއް! އެކަމަކު...

އިބޫ ތ އަތޮޅު އަދި ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައެއް ރައްޔިތުންނާ ބައްދަލުކުރައްވަނީ: އިބޫ ވަނީ އެ ދެ އަތޮޅަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަނ ވައުދުވެ ވަޑައިގެންފައި --- ފޮޓޯ/އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކޮށްދީ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމެވެ. ފަނޑިޔާރުން ނުފޫޒުން ދުރުކޮށް، ފަނޑިޔާރުގެ ސާފުކުރުމެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް ވީގޮތް ހޯދައި، އެމީހުންނާއި އެމީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުވުމުގައި، އިންސާފު ގާއިމުކޮށްދިނުމަށް ވި ވައުދުތައް ބޮޑު ރޯލެއް އަދާކުރި އެވެ.

އެހެންކަމުން މި ސަރުކާރަށް ދެ އަހަރު ފުރުނު އިރު ވެރިކަމަށް ހޮވުމުގެ ކުރިން ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގައި ކުލަޖެހުނީ ކިހާވަރަކަށްތޯ ބަލައިލުން މުހިންމެވެ. އިންސާފު ލިބޭނެކަމުގެ އުންމީދު ރައްޔިތުންނަށް އެބަ ކުރެވޭ ހެއްޔެވެ؟ ސަރުކާރުގެ އިންސާފުގެ ދަތުރު މިސްރާބު ޖަހާފައި ވަނީ ކުރެހި ޗާޓާ އެއްގޮތަށް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން ވެސް ފުރޮޅާލި އެވެ. އަދި ވައުދުވި ގޮތަށް ފަނޑިޔާރުގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ފަށައިގަތީ ނިކަން ބާރު ސްޕީޑުގަ އެވެ. ޖޭއެސްސީގެ ދިގު ފިހިގަނޑު ނުފޯރާ އެންމެ ކޯޓެއް ވެސް ނެތޭ ބުނެވިދާނެ އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުތަކުން ފެށިގެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައްވެސް ބަލައި ގިނަ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރި އެވެ.

މުޅި ޝަރުއީ ދާއިރާގެ ކޮންޓްރޯލް ޖޭއެސްސީގެ ދަށަށް ގެންގޮސް، ސުޕްރީމް ކޯޓު ވެސް ހިލުވައިލި އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުން ބަދަލުކޮށް އާ ފަނޑިޔާރުން އައްޔަންކުރި އިރު، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ބެންޗުން އަންހެން ފަނޑިޔާރުން ފެނިގެން ދި ޔައެވެ.

"ފާއިތުވީ ދެއަހަރަށް ބާލާއިރު، އަދުލު އިންސާފުގެ ނިޒާމް އިސްލާހު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. ވަކިން ހާއްސަކޮށް، ޖުޑީޝަލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހާއެކު، ފަނޑިޔާރުންގެ ޝަކުވާތައް ބެލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު،" ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުނު އިރު، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާ މެދު އިތުބާރު އެފެދެން ފަށާފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ތަފާސް ހިސާބަށް ބަލާއިރު، 2018 ގައި ޖޭއެސްސީއަށް ހުށަހެޅީ އެންމެ ނުވަ ޝަކުވާއެވެ. ނަމަވެސް މިދިޔަ އަހަރު 114 ޝަކުވާ އަދި މި އަހަރުގެ ނޮވެމްބަރޔު 10 ވަނަ ދުވަހާ ހަމައަށް ޖޭއެސްސީއަށް 312 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ބަންޑާރަނައިބު ގަބޫލުކުރައްވާ ގޮތުގައި މިކަމުން އެނގިގެންދަނީ ފަނޑިޔާރަކާ ގުޅޭގޮތުން ޝަކުވާއެއް ހުށަހެޅުމުން އެކަން ބަލައި އަދި ގާނޫނީ އިމުގެ ތެރެއިން ޑިއު ޕްރޮސެސް ފޮލޯކޮށް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮތުމެވެ.

"ރައްޔިތުންގެ އިތުބާރު ޖުޑީޝަރީއާ މެދު އެއް ދުވަހުން އަނެއް ދުވަހަށް އިތުވެގެންދާ މަންޒަރު ފެންނަނީ. އިންސާފު ގާއިމްވެފައިވާ ތަން މިއަދު ފެންނަން އޮތް އިރު، އިންސާފު ގާއިމްވެއްޖެ ކަމުގެ އިހުސާސް، ކޮންމެ ރައްޔިތަކަށް އެބަވޭ. އެއީ ވަރަށް ބޮޑު ކާމިޔާބެއް [މި ދެހަރު ލިބުނު]...ހަގީގަތުގައި މިއަށްވުރެ ބޮޑު ކާމިޔާބެއް ނޯންނާނެ، އަދުލު އިންސާފު ނިޒާމްގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގާއިމްވުން. އެހެންވީމަ އެކަން ވަމުންދާތަން މި ފެންނަނީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން އައްޔަންކުރުމަކީ އަދި އިންސާފު ލިބިދިނުން ކަމުގައި ބެލެވޭކަށް ނެތެވެ. އަދި ޖޭއެސްސީގެ ބެލުމުގެ ދަށުގައި މުޅި ޝަރުއީ ދާއިރާ އޮތް އިރު، ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާނެ ކަމަށް ދެއްކި ވާހަކަތައް އޮތީ ހިނދިފައެވެ. އެހެންކަމުން ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު ރައްޔިތުން އުފައްދާ ސުވާލެއް އެބަ އޮތެވެ.

ޖޭއެސްސީގައި ތިއްބެވީ ގައިމުވެސް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ގަދަ ފަހުލަވާނުންނެވެ. އެހެންކަމުން، ޝަރުއީ ދާއިރާ މިނިވަންވުމުގެ ބަދަލުގައި، ޝަރުއީ ދާއިރާގެ ކޮންޓްރޯލް، ކުރީ ސަރުކާރުގެ އަތުން ދޫވެ، މި ސަރުކާރުގެ އަތް މައްޗަށް ފުރޮޅިފައިވާ ކަމުގެ ތުހުމަތުތައް ވެސް މަދެއް ނޫނެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އަނިޔާތަކަށް އިންތިގާލީ އިންސާފު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރި ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. އެ ވައުދުގެ ދަށުން 100 އަށްވުރެ ގިނަ ފަރާތްތަކުގެ ވަޒީފާ އިޔާދަކޮށްދޭން ނިންމައި، އިންތިގާލީ އިންސާފުގެ ބިލު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ލިބުނު އެކިއެކި ގެއްލުންތަކާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމަށް، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދޭ ގޮތަށް، ސަރުކާރުން މަޖިލީހަށް ބިލު ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެންމެ ބޭނުން ސްޕީޑުގައި ނޫން ނަމަވެސް، އެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ.

ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމަށް ސަރުކާރުން ވި ވައުދުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އަދި އުނދަގޫ މަސައްކަތަކީ މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އޭގެ ހަގީގަތް ހޯދުމާއި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަންގެ ބާރުދޭ ގާނޫނުތައް މަޖިލީހުން ފާސްކޮށް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އެއާއެކު އެ ކޮމިޝަން ތަކުން ކުރާ ތަހުގީގުތަކަށް ދައުލަތުގެ އެހެން މުއައްސަސާތަކުގެ އެހީ ހޯދައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ކޮމިޝަންތަކަށް ވަނީ ލިބިދީފަ އެވެ. މީގެ އިތުރުން ޖިނާއީ ތަހުގީގުތަކާގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް އެދުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބިދީފައިވެ އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ. ދެ ކޮމިޝަނުން މިހާރު ވެސް 28 މައްސަލައެއް ބަލަމުން އަންނަ އިރު ނުވަ މައްސަލައެއް މުޅިން ނިންމާ ފައިނަލް ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ނަމަވެސް ކޮމިޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މަސައްކަތުގެ ސްޕީޑާމެދު ރައްޔިތުން ހިތްހަމައެއް ނުޖެހެ އެވެ.

ޚުދު ރައީސް ސޯލިހުވެސް ވަނީ އެ ކޮމިޝަންތަކުގެ މަސައްކަތްތައް އުންމީދުކުރި ބާރުމިނުގައި ކުރިއަށް ނުދާކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެ ކޮމިޝަންތަކުން ލިބޭ އަޕްޑޭޓުތަކަށް ބަލާއިރު، ދަތިތަކާ އެކުވެސް ރަނގަޅު މަސައްކަތްތަކެއް ވެސް ކުރެވިފައި ހުރި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ނަމަވެސް މަރު ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިފައިވާ އާއިލާތަކަށް މަރުތަކުގެ ހަގީހަތް ނޭނގި، އިންސާފު ނުލިބި ލަސްވާތީ އެކަމުން ވަރަށް ބޮޑަށް އުނދަގޫވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތާ މެދު ހިތްހަމަޖެހޭ،" ރައީސް ވިދާޅުވިއެވެ.

އިންސާފު ހޯދައިދީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވައުދުގެ ދަށުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިފައި ހުރި ހުރަސްތައް ނައްތާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމާ ހަވާލުވެ ރައީސް އެންމެ ފުރަތަމަ ތަސްދީގުކުރެއްވީ ވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާގޮތަށް ކުރީ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނު އުވާލުމުގެ ބިލެވެ.

ނަމަވެސް ސަރުކާރަށް ދެ އަހަރު ވީއިރު، ވައުދުވި ގޮތަށް ނުކުރެވި އޮތީ އެއްވެ އުޅުން ހަނިކުރާ ގާނޫނެވެ. އެ ގާނޫނު އުވާލުމުގެ ބިލު މަޖިލީހުގައި އޮންނަތާ ޒަމާންގަނޑެއް ވެގެންދިޔައިރު އެ ބިލު އެއްކޮށް އުވާލުމުގެ ވިސްނުން ނެތްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ގަބޫލުކުރަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އިންސާފު ކަށަވަރުކޮށްދީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ދެވަނަ އަހަރުގެ ބޮޑު ބައެއް ކޮވިޑް19 ގެ ސަބަބުން ދަތި އުނދަގުލުގައި ހޭދަކުރަން ޖެހުނު ނަމަވެސް، ހުރަސްތަކާ އެކުވެސް ވައުދުތައް ފުއްދައިދިނުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ސަރުކާރުގެ މަސައްކަތްތަކާ މެދު ބައެއް ރައްޔިތުން ހިތްހަމަޖެހުނު ނަމަވެސް، ފާޑުކިޔުންތަކެއް އެބަހުއްޓެވެ. ހިތްހަމަނުޖެހުން އެބަހުއްޓެވެ.

އިދިކޮޅުން ސިފަކުރާ ގޮތުގައި ފާއިތުވެ ދިޔަ ދެ އަހަރަކީ ރައްޔިތުންނަށް ގެއްލުނު ދެ އަހަރެވެ. ވެރިކަމަށް ދެއަހަރު ފުރިގެންދިޔަ އިރު ސާފުކޮށް ފެންނަންއޮތީ އަދުލުއިންސާފު ގާއިމުކުރުމަށް ވީވައުދާއި އިދިކޮޅަށް ހުރިހާކަމެއްގައިވެސް އަމަލު ކުރަމުންދާތަން ކަމަށެވެ. އެގޮތުން ފަނޑިޔާރުގެތައް އެމްޑީޕީގެ ޖަގަހަތަކަށްވެ، ޝަރީއަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

އިދިކޮޅުން ބުނަނީ ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާނެ ހުރިހާ މަގެއް ތަނަވަސްވެފައިވާ ކަމަށާއި އެއްވެސް ވައުދެއް ނުފުއްދުމުގެ މުގާބިލުގައި އެއްވެސް ހުއްޖަތެއް ދެއްކުމުގެ ޖާގަ ނެތް ކަމަށެވެ.

ސަރުކާރާއި އިދިކޮޅުގެ ވިސްނުން އުޑާ ބިމާހާ ތަފާތު ނަމަވެސް، މި ޑިމްކޮރަސީގައި ގޮތް ނިންމަންޖެހޭނީ ރައްޔިތުންނެވެ. މުހިންމީ ރައީސް ސޯލިހުގެ މާލިމީކަމުގެ ދަށުން އިންސާފުގެ ކަނޑަށް ނުކުތް އޮޑީގެ މިސްރާބާއި، އޮޑީގެ ދުވެއްޔާމެދު ރައްޔިތުން ދެކޭގޮތެވެ. ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރެއް ފެށުނު އިރު ސަރުކާރުން ބުނާ އިންސާފުގެ އިހްސާސް ރައްޔިތުންނަށް ކުރެވޭ ހެއްޔެވެ؟ އަދި ކުރިއަށް އޮތް ތިން އަހަރު ސަރުކާރުން ވީ ހުރިހާ ވައުދެއް ފުއްދައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ޖަވާބު ރައްޔިތުންނަށް ދޫކޮށްލަމެވެ.

comment ކޮމެންޓް