އެފްރިކާގެ ބައެއް ސަފީރުންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު މިއަދު އެފްރިކާގެ ބައެއް ސަފީރުންނާ އޮންލައިކޮށް ބައްދަލުކުރައްވަނީ --- ފޮޓޯ : ފޮރިން މިނިސްޓްރީ

އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ވާޗުއަލްކޮށް ބޭއްވި އެ ބައްދަލުވުމުގައި މިސްރު، މޮރޮކޯ، ގެމްބިއާ، ގިނިއާ އަދި ސެނެގާލް އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. އޭގެއިތުރުން ޓިއުނީޝިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅާވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިންނެވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުން އަދި ބައިލޭޓަރަލް އާއި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއާއި އެފްރިކާގެ ގައުމުތަކާ އޮންނަ ހާއްސަ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ. އަދި އެކުވެރި ގައުމުތަކުން ކޮވިޑް-19ގެ ހާލަތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމަކީ ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

comment ކޮމެންޓް