ގަވާއިދާ ހިލާފު ބޭރު ފައިސާގެ މުއާމަލާތާ ގުޅޭ ދަރަނީގެ މައްސަލަ ފުލުހުން ނުބަލާނެ

ޗެކު ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާ ބާވަތުގެ މައްސަލަތަކުގައި ޖިނާއީ ތަހުގީގު ނުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމާއި، މަކަރާއި ހީލަތުން ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަކީ ކުށެކެވެ. ޗެކް ބައުންސް ވުމުގެ މައްސަލަތަކަކީވެސް ގާނޫނުލް އުގޫބާތުގެ ދަށުން ތަހުގީގުކުރަމުންގެންދާ މައްސަލަތަކެކެވެ.

ނަމަވެސް މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޕީޖީ އޮފީހުން އަަމަލުކުރަމުންދާ އުސޫލުގެ ދަށުން، ޗެކު ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެ އުސޫލުގެ ދަށުން ޖިނާއީ ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހެޅޭ މައްސަލަތަކާއި، މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގައި އެކުލެވޭ ޕްރިންސިޕަލް އެމައުންޓާމެދު ދެ ޚަސްމުން ހިލާފުވާ ހާލަތުގައި ޕްރިންސިޕަލް އެމައުންޓު ސާބިތުވާ ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތައް ހިމެނެއެވެ.

އޭގެ އިތުރުން މަނިޓަރީ ގަވާއިދާ ހިލާފަށް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލައެއް ވާނަމަ އެފަދަ މައްސަލައެއްގައިވެސް ޖިނާއީ ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

އެ އުސޫލުތަކުގެ އިތުރުން އާންމު އުސޫލެއްގެ ގޮތުން، ދެ ފަރުދެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫންވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމަށްވާނަމަ އެފަދަ މައްސަލަތައް ނުވަތަ ދެމީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައިވެސް ދައުވާ ނުކުރަން ނިންމާފައިވެއެވެ.

އަދި ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ހިއްސާކުރާގޮތަށް އެއްބަސްވެ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައިވެސް ޖިނާއީ ދައުވާ ނުކުރާނެއެވެ.

އެހެންކަމުން އެފަދަ މައްސަލައެއް އެއްވެސް މީހަކަށް ދިމާވެއްޖެނަމަ ޖެހޭނީ ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެމީހަކު އަމިއްލައަށް އެ މައްސަލައެއް ކަމާބެހޭ ޝަރުއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕްރޮސިކިއުޓަރު އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ހުށަހެޅޭ ހާލަތުގައި، އެފަދަ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާފަހުން ޗެކަށްވާ ފައިސާ ބަދަލު ލިބޭ ފަރާތަށް ދައްކާ ހަލާސްކުރި ކަމުގައިވީނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައިވެއެވެ.

އެހެންކަމުން، ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގުމުގައި އެ ކަންކަމަށް ސަމާލުކަންދީ، ކުރެވޭ މުއާމަލާތަކީ ރައްކާތެރިކަމާއެކު ކުރެވޭ މުއާމަލާތެއްކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް