ބިގް ކުންފުނީގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުވާތީ މައްސަލަ ބަލަނީ

ބިގް ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް (ކ) އާއި ރައީސް އޮފީހުގެ ފޮޓޯ ގްރާފަރު މުންޝިދު --

ސަރުކާރުގެ އޮފިޝަލުންތަކެއްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) ކުންފުނިން ނަގުދު ފައިސާއިން ޖަމާކުރަން ދިޔަ ދެ މިލިއަން ރުފިޔާއާ ގުޅިގެން މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެމައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުގައި އެދިއްޖެ އެވެ.

އެމައްސަލައާ ގުޅިގެން އޭސީސީއިން ތައްޔާރު ކުރި ރިޕޯޓެއް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ އެ ރިޕޯޓުގައި ވާގޮތުން މިއަހަރުގެ މާޗު މަހުގައި ބިގް ކުންފުނިން 2.15 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާ ކުރުމަށް ބީއެމްއެލްއަށް ދިޔުމުން އެ ފައިސާ ލިބުނު ގޮތެއް ހާމަ ކުރުމަށް އެދުމުން ބޭންކަށް ހިއްސާކުރި ލިޔެކިޔުންތަކުން ބީއެމްއެލްއަށް އެކަށީގެންވާ މިންވަރަށް އެފައިސާގެ އަސްލު ޔަގީން ނުވާތީ އެ ފައިސާ އެ ބޭންކުން ޖަމާކޮށްދީފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް އޭގެ ފަހުން ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ ބިގް ކުންފުނީގެ އެކައުންޓަށް މިދިޔަ މާޗު 18 ވަނަ ދުވަހު އެ ފައިސާ ޖަމާކޮށްފައިވާކަން ލިޔުންތަކުން އެނގޭ ކަމަށް އޭސީސީގެ ރިޕޯޓާ ހަވާލާ ދީ ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން މަތީ ފަރާތްތަކަކާ ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާތީ އާއި އެ ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ހޯދިފައި ނުވާތީ އެ ފައިސާގެ އަސްލު ޔަގީން ކުރުމަށް އެ މުއާމަލާތާއި ގުޅިގެން އެމްއެމްއޭއިން އިޝޫ ކުރި އެސްޓީއާރުގައި ބަޔާންކުރާ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތައް ހިމެނޭތޯ ބެލުމަށް ފުލުހުންނަށް އެ މައްސަލަ ހުށަހަޅަން އޭސީސީއިން ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ.

ބިގް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓެރީ ހަސަން އިސްމާއިލް އާއި ރައީސް އޮފީހުގެ ފޮޓޯގްރަފާ މުންޝިދް މުހައްމަދު އެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހިއްސާވެސް މީގެ ކުރިން އޮތެވެ.

މީގެ ކުރިން ޕީއެސްއެމްއާ އެކު ހަދާފައިވާ އެއްބަސްވުމެއް ބާތިލްކޮށްފައި ވާތީ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ބިގަށް 30 މިލިއަން ރުފިޔާ ސަރުކާރުން ދިން މައްސަލަ ވެސް މީގެ ކުރިން ފެންމަތިވި އެވެ.

comment ކޮމެންޓް