ލިވަޕޫލްގެ ރިހޭ ފައިމައްޗަށް ފޮއި، ހެންޑަސަން ވެސް އަނިޔާގައި!

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން--

އެންމެ ފަހުގެ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން ލިވަޕޫލްގެ ޑިފެންސްގެ ހަތަރު ކުޅުންތެރިއަކު އަނިޔާވެފައިވަނިކޮށް، އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް އިންޖަރީއަކާ ކުރިމަތިލާންޖެހި ކުލަބަށް ހާސްކަން ކުރިމަތިވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން އިންގްލޭންޑް 0-2 އުިން ބަލިވި މެޗުގައި ހެންޑަސަން ވަނީ ހާފް ޓައިމްގައި ބަދަލުކޮށްފަ އެވެ. އެންމެ ރަނގަޅު ކުޅުން ނުދެއްކި މެޗުން އެހާ ކުރީކޮޅު ހެންޑަސަން ބަދަލުކުރީ ޓެކްނިކަލް ބަދަލެއްގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް މެޗަށްފަހު އިންގްލޭންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ ހެންޑަސަން ބަދަލު ކުރީ އަނިޔާއެއް ވެގެން ކަމަށް ބުނެފަ އެވެ.

ހެންޑަސަންގެ ފިޓްނަސް މައްސަލައެއް ކުރިމަތިވިކަން ސައުތުގޭޓް ޔަގީންކޮށްދިން ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ޓީމުން ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ހެންޑަސަންގެ އަނިޔާއާ ސީރިއަސް ވެއްޖެ ނަމަ މިހާރުވެސް ހަތަރު ކުޅުންތެރިއަކު އަނިޔާވެފައި އޮތް ލިވަޕޫލަށް ފޫނުބެއްދޭނެވަރުގެ ގެއްލުން ލިބޭނެ އެވެ.

ލިވަޕޫލްގެ ޑިފެންސްގައި ހިމެނޭ ސީނިއާ ހަތަރު ކުޅުންތެރިން މިހާރު އަނިޔާގައި ތިބި އިރު، އެކުޅުންތެރިންގެ ބަދަލުގައި ހެންޑަސަން ފަހަތަށް ލައިގެން ކުޅުމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބޭނުންވެފައިވާ މި ދަނޑިވަޅުގައި އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން ލިވަޕޫލަށް މިހާރު ވަނީ ޑިފެންޑަރުން މަދުވެފަ އެވެ.

އެ ޓީމުގެ ފުލްބެކް ވާޖިލް ވެންޑައިކްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން ހައެއްކަ މަހަށް އޭނާ ކުޅުމާ ދުރަށް ދާންޖެހިފައިވާ އިރު، އަރިމައްޗަށް ކުޅޭ އެލެކްސަންޑްރާ އާނޯލްޑާއި، ރޮބާޓްސަން ވެސް ހެމްސްޓްރިންގް އަނިޔާއެއްގައި މިވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. އަދި އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ޖޯ ގޮމޭޒް ވެސް އަނިޔާގައި ހުރި އިރު، މިވަގުތު ފަހަތަށް ކުޅެން ތިބީ ޖޮއެލް މަޓިޕް އެކަންޏެވެ.

މީގެ އިތުރުން އެ ޓީމުގެ މިޑްފީލްޑަަށް ކުޅެމުން އަންނަ ބްރެޒިލްގެ ފަބީނިއޯ ވެސް މިފަހުން ވަނީ ކަކުލު މިނިސްކަސްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާންޖެހިފަ އެވެ. އަދި ކޮވިޑްގެ ޝިކާރައަކަށްވެފައިވާ މުހައްމަދު ސަލާހް ވެސް ދެ ހަފުތާއަށް ކުޅުމާ ދުރުގައި މަޑުކުރަން ޖެހޭނެ އެވެ.

comment ކޮމެންޓް