ބަޖެޓް އަނބުރާ ގެންގޮސް، 25 ބިލިއަނަށް ކުޑަކުރަން މައިނޯރިޓީ ލީޑަރު ގޮވާލައްވައިފި

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް އަނބުރާ ގެންގޮސް 25 ބިލިއަން ރުފިޔާއަށް ކުޑަކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރޭޑްވޭވް ސަލީމް) ގޮވާލައްވައިފި އެވެ.

ބަޖެޓް ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ބަޖެޓު ފާސްކުރާއިރު ކަންކަން ކުރަން ޖެހޭނީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފައިދާވާ ގޮތަކަށް ކަމަށެވެ. ރިޒޯޓުތަކުގެ މުވައްޒަފުންނާއި ދަނޑުވެރިން ތިބީ ވަރަށް ހާލުގައި ކަމަށް ސަލީމް ވިދާޅުވި އެވެ.

މިހާރު ބަޖެޓުގައި އޮތް އަދަދުތައް އޭގެ ދެގުނައަށް ބަދަލުކުރަން ސަލީމް ވަނީ ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ މިއަދު ބަޖެޓުގައި ޖަހަންވީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން ނޫން ކަމަށާއި ރައްޔިތުން ހާލުގައި ނުޖެހި ސަލާމަތް ކުރާނެ ގޮތެއް ހޯދުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.

"މިއަދުގެ ކަމަކީ ބްރިޖު އެޅުމެއް ނޫން. މިއަދުގެ އެއްޗަކީ އަނެއް ތަނެއް ހެދުމެއް ނޫން. ހަމަޖެހުމާ އެކީގައި އަޅުގަނޑުމެން ހުރިހާ ބޮޑެތި މަަޝްރޫއުތަކާ ދިމާލަށް އަޅުގަނޑުމެން ދަތުރުކުރަންވީ. މިއަދުގެ ހާލަތާއި މިއަދު ހުރިގޮތުން އަޅުގަނޑުމެން ޖެހޭނީ އެ ހާލަތަށް ތަބާވާން." ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންވާ އެއްޗަކީ މި ބަޖެޓް އަނބުރާ ގެންދާށޭ. ގެންގޮސް 25 ބިލިއަނަށް މި ބަޖެޓް ކުޑަކޮށްގެން އަނބުރާ މަޖިލީހަށް ގެންނާށޭ."

ސަލީމް ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ބުއްދި ސަލާމަތުން ހުރެގެން މީހަކު ވޯޓުދޭނެ ބަޖެޓެއް ނޫން ކަމަށެވެ. ބަޖެޓް މިހާރު އޮތް ގޮތަށް ފާސްކޮށްގެން ރައްޔިތުން ފުނޑިގެން ދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. ދެރަވަން ވާ ތަނުގައި ދެރަވެގެންވެސް ގައުމު ހަމައަކަށް އަޅުވަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ލިބޭ އެއްޗެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެއްވެސް އަހަރެއްގައި އެއީ ލިބޭ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ. ސަލީމް ވިދާޅުވާގޮތުން 2021 ވަނަ އަހަރުގެ ބަޖެޓް 20 ބިލިއަނަށް ޑެފިސިޓްވެގެން ދާނެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގައިވާ ގޮތުގައި ދަރަނި ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 34.79 ބިލިއަން ރުފިޔާއަށްވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. މިއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ.

އެ ޑެފިސިޓް ފޫބެއްދުމަށް ފައިސާ ހޯދާނެ ގޮތަކީ؛

  • 300 މިލިއަން ޑޮލަރު (4.63 ބިލިއަން ރުފިޔާ): ބޭރަށް ބޮންޑާއި ސްކޫކް ވިއްކައިގެން
  • 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ): ގްރީން ނުވަތަ ބްލޫ ބޮންޑު ވިއްކައިގެން
  • 150 މިލިއަން ޑޮލަރު (2.31 ބިލިއަން ރުފިޔާ): ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކުން ލޯނު ނެގުން
  • 3.7 ބިލިއަން ރުފިޔާ: އެތެރޭގެ މާކެޓަށް ބޮންޑު ވިއްކުން
  • 462 މިލިއަން ރުފިޔާ: ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން
comment ކޮމެންޓް