ސައުދީއަށް ޖަރުމަނުގެ ހަތިޔާރު ބޭނުން ނުވޭ: ސައުދީ އަރަބިއާ

ސައުދީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އާދިލް އަލް ޖުބައިރު -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (ނޮވެމްބަރު 16): ޖަރުމަނުން ސައުދީ އަރަބިއާއަށް ހަތިޔާރު ވިއްކުން މަނާ ކުރުމަކީ ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި ސައުދީއަށް ޖަރުމަނުގެ ހަތިޔާރު ބޭނުން ނުވާ ކަމަށް އެގައުމުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ސަރުކާރުން ސައުދީއަށް ހަތިޔާރު ވިއްކުން މަނާ ކުރަން ނިންމީ މާޗް 2018ގަ އެވެ. އެއީ ޔަމަނު ހަނގުރާމައިގައި ސައުދީން ބައިވެރިވަމުން ދާތީ އެވެ. އޭގެ ފަހުން ސައުދީއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮންނަ މުއްދަތު ވަނީ އެކި ފަހަރު މަތިން އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު އަނެއްކާ ވެސް އިތުރު ކުރުމާ ބެހޭ ގޮތުން ޖަރުމަނުން އަންނަ މަހުގެ 31ގެ ކުރިން ގޮތެއް ނިންމާނެ އެވެ.

މިނިސްޓަރު ޖުބައިރު ވިދާޅުވި ގޮތުގައި ސައުދީން ދެކޭ ގޮތުގައި ޔަމަނުގެ ހަނގުރާމައަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ހަނގުރާމައެކެވެ. އެހެންކަމުން ހަނގުރާމައިގައި ބައިވެރިވާން ސައުދީއަށް މަޖުބޫރުވީ އެވެ.

"ޔަމަނު ހަނގުރާމައާ ހެދި ސައުދީ އަރަބިއާއަށް ހަތިޔާރު ވިއްކުން ހުއްޓުވުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. ޔަމަނު ހަނގުރާމައަކީ ކުރަން ޖެހޭ ހަނގުރާމައެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރާތީ [ޖަރުމަނުގެ] ނިންމުން ގޯސް ކަމަށް އަޅުގަނޑުމެން ދެކެން. އެއީ އަޅުގަނޑުމެން ބައިވެރިވާން މަޖުބޫރުވި ހަނގުރާމައެއް،" ޖަރުމަނުގެ ޑީޕީއޭ ޕްރެސް އޭޖެންޖީއާ ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވި އެވެ.

ސައުދީ އަރަބިއާ އަކީ 2014 އާއި 2018އާ ދޭތެރޭ ހަތިޔާރު ގަންނަން އެންމެ ގިނަ އަދަދަކަށް ހަރަދު ކުރި ގައުމެވެ. އެގޮތުން އެ މުއްދަތުގައި އެގައުމުން ހަތިޔާރަށް 16.9 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 4.9 ބިލިއަން ޑޮލަރު ހަރަދު ކޮށްފައި ވަނީ ޔޫރަޕްގެ ހަތިޔާރު ގަތުމަށެވެ.

ޔަމަނުގެ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫޘީން އެގައުމުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމު ކުރި ފަހުންނެވެ. އޭރު އެގައުމުގައި އޮތް ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ވެރިކަން ރުޖޫއަ ކުރުމަށް ކަމަށް ބުނެ ސައުދީ އިސްވެ އޮންނަ ކޯލިޝަނަކުން ޔަމަނަށް ހަމަލާތައް ދޭން ފެށީ ޖެހިގެން އައި އަހަރުގަ އެވެ.

އެ ހަނގުރާމައިގައި މިހާތަނަށް 110،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން މީހުންނަށް ކާނާ ނުލިބި، ބަލިމަޑުކަމާ ކުރިމަތިލާނެ ވަސީލަތްތައް ވަނީ ނެތިފަ އެވެ.

comment ކޮމެންޓް