އިތުބާރުގެ މައްސަލާގައި ޖަވާބުދާރީވާން އިމްރާނަށް 30 މިނެޓް ދޭން ފާސްކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ — ސަންފޮޓޯ/ ފަޔާޒު މޫސާ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ޖަވާބު ދާރީވާން އޭނާއަށް 30 މިނެޓް ދޭން އާންމު ކޮމިޓީއިން ފާސްކޮށްފި އެވެ.

ޕީޕީއެމް ޕީއެންސީއިން އިމްރާނުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ 11 މެމްބަރުންގެ ސޮޔާއެކު އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސަށް ދެ ގަޑިއިރު ދިނުމަށް އާންމު ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެގަޑިއިރުގެ ތެރެއިން ފަށާއިރުއާއި މެދުތެރެއިން އަދި ނިންމާއިރު މިނިސްޓަރަށް 10 މިނެޓް ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެމައްސަލަ އަދި މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެ އެވެ.

"ބަޖެޓުގެ ބަހުސް ހަމަ ނިމުމާއި އެކުގައި އެ މައްސަލަ [އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ] އަޅުގަނޑު އެޖެންޑާ ކުރާނަން." ނަޝީދު ވިދާޅުވި އެވެ.

ބަޖެޓުގެ ބަހުސް މިއަދު ފަށާފައިވާއިރު ބަޖެޓު ބަހުސަށް ކޮންމެ މެމްބަރަކަށް 15 މިނެޓް ދޭން އާންމު ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު، މަޖިލިސް އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެ މައްސަލަ ހުށަހެއްވުމުގެ މައިގަނޑު މަގްސަދަކީ ސަފާރީ ކޭސްއާ ގުޅިގެން އިމްރާން ދެއްކެވި ވަހަކަތަކާއި މަޖިލީހަށް އިތުރުފުޅު ހެދި ކަމަށް ބުނާ މައްސަލައިގަ އެވެ.

"އެ ހާދިސާއަކީ ނުހިނގާ ކަމެއްގެ ގޮތުގައި، އެ މޭރުންމުން އިމްރާން ވާހަކަ ދެއްކެވީ، އަދި ޖިންސީ ގޯނާއަކީ ވަރަށް އަދައިގެ ކަމެއްގެ ގޮތުގައި ސިފަކުރެއްވީ. މިއީ ދައުލަތު ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ދެއްކި ވަރަށް ނާތަހުޒީބު ވަހަކައެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ ކުރަނީ،" ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ސަފާރީ ކޭސްއާ ގުޅިގެން އިމްރާން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިމްރާންގެ އެ ވާހަކަތަކަކީ، ސަފާރީ ކޭސްގެ ތަހުގީގަށް ހުރަސް އެޅުއްވުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

comment ކޮމެންޓް