ކުއާޓާގެ ވޯޓަށް ފަހު ދުވަސް، ދަގަނޑޭއަށް އަވަހަށް ވޯޓު ދީ

މެއި 2، 2018: އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ވޯޓުލުން މިއަދަށް ނިމޭ އިރު، ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ އެންގުޔެން ވެން ކުއެޓްގެ ވާދަވެރިކަން އިތުރަށް ބޮޑުވެއްޖެ އެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ކުއާރޓާ ފައިނަލުގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު އެކި ކުޅިންތެރިންނަށް ކުރިއަށްދާ އިރު، ދަގަނޑޭއާ ވާދަކުރަމުން ދަނީ ހަނޯއީ އެފްސީއަށް 2017 ވަނަ އަހަރު ކުއެޓް ޖެހި ސިޒާ ކިކް ގޯލެވެ. މީގެ ކުރިން ގުްރޫޕް ސްޓޭޖާއި ގަދަ 16 ގައި ވެސް ބޮޑު ތާއީދަކާ އެކު އަޝްފާގު ވަނީ ކާމިޔާބީ ހޯދައިފަ އެވެ.

މި ގޯލަކީ ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން"ނެވެ. މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދައިފަ އެވެ.

ކުރީ ދެބުރާ ޙިލާފަށް މިބުރުގައި އަޝްފާގަށް ވަނީ ވާދަވެރިކަން ބޮޑު ކުޅުންތެރިއަކާ ދިމާވެފަ އެވެ. ވޯޓުލުން ހުޅުވާލިތާ ދެ ގަޑިއިރު ތެރޭ އެންގުއެން ވެން ކުއެޓް ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ގިނަ ސަޕޯޓަރުންތަކެއްގެ މިންނެތް މަސައްކަތުން އިއްޔެ ވަނީ ވޯޓުގެ ޕޯލުގައި އަޝްފާގު ކުރިއަށް ޖައްސައިފަ އެވެ. އަޝްފާގަށް ވޯޓު އިތުރު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުންނާއި، ސިޔާސީ އަދި އެހެނިގެން ފަރާތްތަކުން ވެސް ގަދަޔަށް ކެމްޕޭން ކޮށްފައިވާ އިރު، ރޭގެ ވަގުތެއްގައި ވިއެޓްނާމްގެ ކުޅުންތެރިޔާ ވަނީ އަނެއްކާވެސް މައްޗަށް ޖެހިލައިފަ އެވެ.

އާބާދީގެ ގޮތުން 98 މިލިއަން މީހުން ދިރިއުޅެމުން އަންނަ ވިއެޓްނާމުން އެ ގައުމުގެ އެންގުޔެން ވެން ކުއެޓްއަށް ވޯޓުލުން އިތުރު ކޮށްލި ނަމަވެސް ރާއްޖޭގެ ސަޕޯޓަރުން މިހާރު ވަނީ ދެ ވާދަވެރިންގެ ވޯޓު ދާދި އެއްހަމައަކަށް ގެނެސްފަ އެވެ. އެންމެ އިންސައްތައެއް ކުރީގައި އެންގުޔެން ވެން ކުއެޓް އޮތް އިރު، މިއަދުގެ 1:00 ޖެހުމުގެ ނިޔަލަށް މި ޕޯލަށް ވޯޓުލެވޭނެ އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

comment ކޮމެންޓް