އިނގިރޭސި ލެޖެންޑަރީ ކީޕަރު ރޭ ކްލެމެންސް މަރުވެއްޖެ

އިނގިރޭސިވިލާތުގެ ލެޖެންޑަރީ ގޯލް ކީޕަރި ރޭ ކްލެމެންސް -- ފޮޓޯ// އިންގްލެންޑް ފުޓުބޯލް ޓީމް

ލިވަޕޫލާއި ޓޮޓެންހަމަށް ވެސް ކުޅުނު އިނގިރޭސިވިލާތުގެ ލެޖެންޑަރީ ގޯލް ކީޕަރި ރޭ ކްލެމެންސް އުމުރުން 72 އަހަރުގައި މަރުވެއްޖެ އެވެ.

ލިވަޕޫލާ އެކު ފަސް ލީގު ތަށްޓާއި ތިން ޔޫރޮޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކްލެމެންސް ކެންސަރު ޖެހިފައިވާ ކަން ހާމަކުރީ 2005 ވަނަ އަހަރު އެވެ. އެއަށްފަހު ކެންސަރަށް ފަރުވާ ކުރުމުގައި ދުވަސްތައް ހޭދަކުރި ކްލެމެންސްގެ ހާލު އިތުރަށް ގޯސްވެ އެނދުމަތިވެފައި އޮންނަތާ ވެސް މިހާރު ދުވަސްތަކެއް ވަނީ ވެފަ އެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ކެންސަރާ ހަނގުރާމަކުރުމަށްފަހު ކްލެމެންސް ދުނިޔެ ދޫކޮށްފި. އާއިލާގެ އެންމެންގެ ހާޒިރުގައި ކްލެމެންސް މަރުވެގެންދިޔައީ." ކްލެމެންސްގެ އާއިލާއިން ބުނެފައިވެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ގޯލް ކީޕަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކްލެމެންސް ވަނީ 1967 އިން 1981 ވަނަ އަހަރާ ދެމެދު ލިވަޕޫލަށް 665 މެޗު ކުޅެދީފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ލީގުގައި 470 މެޗު އޭނާ ކުޅެދިން އިރު، ޔޫރޮޕިއަން ޗެމްޕިއަންޝިޕާއި ގައުމީ ލީގުގެ އިތުރުން އޭނާ ވަނީ ލީގު ކަޕާއި އެފްއޭކަޕުގެ އިތުރުން ދެ ޔޫއެފާ ކަޕްސް އެންފީލްޑަށް ގެނެސްދީފަ އެވެ.

ލިވަޕޫލުގެ ބޮޑު ކާމިޔާބީއަށްފަހު 1981 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވުމަށްފަހު ވެސް ރަނގަޅު ފޯމެއްގައި ކުޅުނު ކްލެމެންސް ވަނީ 1982 ވަނަ އަހަރު އެކުލަބަށް އެފްއޭ ކަޕް ހޯދައިދީފަ އެވެ. ޓޮޓެންހަމަށް ހަތް އަހަރު ކުޅެދިން ކްލެމެންސް ވަނީ އެ ޓީމަށް 330 މެޗު ކުޅެދީފަ އެވެ.

ކްލަބް ފުޓުބޯޅައިގެ އިތުރުން ކްލެމެންސް އަކީ އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ރަމްޒުދާރެއްވެސްމެ އެވެ. އޭނާ ވަނީ އިނގިރޭސި ޓީމަށް 11 އަހަރުވަންދެން ކުޅެ 61 މެޗު އެ މުއްދަތުގައި ކުޅެފަ އެވެ. އެ ދުވަސްވަރަކީ އިނގިރޭސި ޓީމުގެ އެއްވަނަ ކީޕަރު ޕީޓާރ ޝިލްޓަން ވެސް އެންމެ ޕީކުގައި ކުޅުނު ދުވަސްވަރު ކަމުން ކްލެމެންސަށް ފުރުސަތު ލިބެނީ މަދުންނެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ވެސް ފުޓުބޯޅައިގެ ހަރަކާތްތަކުން ދުރަށް ނުގޮސް ކްލެމެންސް ވަނީ އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކީޕަރު ޓްރެއިނަރެއްގެ ގޮތުގަޔާއި، ލިވަޕޫލް އަދި ޓޮޓެންހަމްގެ މެނޭޖްމެންޓުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

comment ކޮމެންޓް