ހިލޭ އެހީއަށް އެއް ގައުމަކަށް ބަރޯސާވާތީ ކަންބޮޑުވުން

ފެބްރުއަރީ 7، 2019: އޮޑިޓާ ޖެނެރަލް ޒިޔަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީ ލިބުމުގައި މާބޮޑަށް އެއް ގައުމަކަށް ބަރޯސާވާތީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަންނަ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އެކިއެކި ގައުމުތަކުން 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ތެރެއިން 1.82 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އިންޑިއާ އިންނެވެ.

މިއަދު ކުރިއަށް ދިޔަ ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ބަޖެޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެގޮތުން އޮޑިޓް އޮފީހުން ވަނީ ބަޖެޓުގައި ހިމަނާފައިވާ އާމްދަނީ އާއި ހިލޭ އެހީއާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އޮޑިޓް އޮފީހުން ހުށަހެޅި ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ އަހަރުކުވެސް ލިބެނީ ހިލޭ އެހީގެ ގޮތުގައި ބަޖެޓުގައި ހިމަނާ އަދަދުގެ ގާތްގަނޑަކަށް 61 ޕަސެންޓު ކަމަށެވެ.

ކަން މިހެން އޮތް އިރު އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުގެ 3/4 އަށް ވުރެ ބޮޑު އަދަދެއް އެއް ގައުމަކުން ލިބޭނެ ކަމަށް އޮތް އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ރިޕޯޓުގައި ބުނެ އެވެ.

"ދުނިޔެއަށް އިގްތިސާދީ ގޮތުން މިހާ ބޮޑު ދަތިކަމެއް ދިމާވެފައިވާ ދަނޑިވަޅެއްގައި އެއް ގައުމަކަށް މިހާބޮޑަށް ބަރޯސާވާ ކަމަށް ވަނީނަމަ އެ ގައުމަކަށް ދަތިކަމެއް ދިމާވާ ހިނދު އެ ގައުމަކުން މި އަންދާޒާ ކުރި ވަރަށް ފައިސާ ނުލިބުން އެކަށީގެންވޭ،" އޮޑިޓް އޮފީހުން ބުންޏެވެ.

ހަމައެއާއެކު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދު އިތުރުވެގެން ދާތީ، އާމްދަނީ ލިބޭ މިންވަރަށް ބަލައިގެން، އާމްދަނީއަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދުތަކަށް ކޮމިޓްވުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.

މީގެ އިތުރުން އާމްދަނީ އިތުރުކުރަން ހުށަހާޅައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުތަކަށް ނުވަތަ ގަވާއިދުތަކަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް އެކަންކަން އިމްޕްލިމެންޓް ނުކުރެވޭނެ ކަހަލަ ކަންކަން ހުރިކަން ވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާތީވެސް އޮޑިޓް އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އަދި ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން، ބަޖެޓުން ލިބެ ފައިސާއިން ހިންގާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓް އޮފީހުން ބުނީ 2021 ވަނަ އަހަރަށް ލަފާލުރާ ދައުލަތުގެ ބަޖެޓުގައި 18 ކުންފުންޏަކަށް ކެޕިޓަލްގެ ގޮތުގައި 1.36 ބިލިއަން ރުފިޔާ ދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.

"ދެން އެތަންތަނަށް ކެޕިޓަލް ދޫކުރާއިރު ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާ ދުރު ރާސްތާއެއްގެ ތެރޭގައި އެތަންތަނުން ސަރުކާރަށް އެކަށީގެންވާ ފައިދާ ލިބޭނެ ގޮތަށް އެތަންތަނުގެ ހިންގުމުގެ ނިޒާމު ބައްޓަންކޮށް ސިޔާސަތު ކަނޑައެޅުން މުހިންމު،" އޮޑިޓް އޮފީހުން ބުންޏެވެ.

ކޮންމެ އަހަރަކުވެސް އަންދާޒާކުރާ އަދަދަށް ވުރެ އެތައް ގުނައެއް އެކްޗުއަލް ޑެފިސިޓް އިތުރުވެގެން ދާކަން ފާހަގަކޮށް އޮޑިޓް އޮފީހުން ބުނީ އެކަން އެގޮތަށް ދިމާވާ މައިގަނޑު ސަބަބުތަކަކީ އާމްދަނީ ހޯދަން އަލަށް ހުށަހަޅާ ކަންކަން ތަންފީޒުވެގެން ނުދިއުމާއި ހިލޭ އެހ ލިބޭނެކަމަށް އަންދާޒާކުރާ މިންވަރަށް ނުލިބުން ކަމަށެވެ.

"ދަރަންޏާ ގުޅޭ މައިގަނޑު ރެކޮމޮންޑޭޝަން އަކީ ދައުލަތުގެ އާމްދަނީ ހޯދުމަށް ރާވާފައިވާ ކަންތައްތައް ތަންފީޒުކުރެވޭނެ ގޮތްތައް ދުރާލާ ރާވަން ޖެހޭ ކަމަށާއި، އެކަންކަން މޮނިޓާކޮށް އެކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތްތައް ޒިންމާދާރުކުރުމުގެ މުހިންމުކަން،" އޮޑިޓް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ދައުލަތުގެ ހަރަދު މަދުކޮށް، ދައުލަތުގެ ވަސީލަތްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އިސްކަންދީގެން ކުރިއަށް ދިއުމަށާއި ބޭރުގެ މާލީ އިދާރާތަކާއި ގައުމުތަކާ މަޝްވަރާކޮށް، ދައުލަތުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ވެސް ލަފާދީފައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވާގޮތުން އިންޑިއާގެ އިތުރުން ނެދަލޭންޑްސް، އަބޫދާބީ، ސައުދީ އަރަބިއާ، ޑެންމާކް އަދި ޕާކިސްތާނާއި ޗައިނާ އިން އަންނަ އަހަރު ހިލޭ އެހީ ލިބޭނެ އެވެ.

ޗައިނާ އިން ހިލޭ އެހީގެ ގޮތުގައި 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަބޫދާބީ ފަންޑުން 50 މިލިއަން ރުފިޔާ، ސައުދޫ އިން 5.8 މިލިއަން ރުފިޔާ އަދި ޕާކިސްތާނުން ހިލޭ އެހީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެކި ޖަމްއިއްޔާ ތަކުން އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 404 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެގޮތުން އޭޑީބީ އިން 153 މިލިއަން ރުފިޔާ، އައިޔޫޓީއެލް އިން އެއް ލައްކަ ރުފިޔާ، އަމިއްލަ ފަރާތްތަކުން 15 މިލިއަން ރުފިޔާ އަދި އިފާޑުން 1.8 މިލިއަން ރުފިޔާ އާއި ވޯލްޑް ބޭންކުން 211 މިލިއަން ރުފިޔާ އަދި ޑަބްލިއުއެޗްއޯ އިން 1.1 މިލިއަން ރުފިޔާ، ޔުނިސެފް އިން ހަތަރު މިލިއަން ރުފިޔާ، ޔޫއެންއެފްސީސީ އިން 12.3 މިލިއަން ރުފިޔާ ޔޫއެންއީޕީ އިން ފަސް މިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މި ހިނގާ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2021 ވަނަ އަހަރު ދައުލަތަށް ލިބޭ ހިލޭ އެހީ 21.1 ޕަސެންޓް އިތުުރުވާނެ ކަމަށްބެލެވޭ ކަމަށެވެ. ސަބަބަކީ އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކަށް ލިބޭ ހިލޭ އެހީ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭތީ ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

ހިލޭ އެހީގެ ބޮޑު އިންސައްތައަކީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖަށް އިންޑިއާ ސަރުކާރުންދޭ އެހީ އާއި ކުނި ނައްތާލުމުގެ މަޝްރޫއަށް މަލްޓިލެޓްރަލް އެޖެންސީތަކުންދޭ އެހީއެވެ.މީގެ އިތުރުން އަންނަ އަަހރު 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހޯދަން މަސައްކަތް ކުރާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 17 ބިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 15.5 ބިލިއަން ރުފިޔާ އިން ބަޖެޓް ޑެފިސިޓްވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

comment ކޮމެންޓް