ދުނިޔޭގެ އެންމެ ބޮޑު ހުނަރު ދެއްކުމުގެ އޮންލައިން މުބާރާތް ލިޓްލް ބަޑީޒް ރާއްޖެއާ ހިސާބަށް

ދުނިޔޭގެ އެންމެ ބޮޑު ހުނަރު ދެއްކުމުގެ އޮންލައިން މުބާރާތް ލިޓިލް ބަޑީޒް ރާއްޖެއާއި ހިސާބަށް

އަގުހުރި އިނާމްތަކަކާއިއެކު ދުނިޔޭގެ 93 ގައުމެއްގައި ކުރިއަށްދާ "ލިޓިލް ބަޑީޒް" ޓެލެންޓްޒް މުބާރާތުގައި ބައިވެރިވުމަށް ދިވެހި ކުދިންނަށް ހުޅުވާލައިފި އެވެ.

ވާޗުއަލްކޮށް ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ރާއްޖޭގައި މި މުބާރާތް އިފްތިތާހު ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރެވެ. މި ރަސްމިއްޔާތުގައި ލިޓިލް ބަޑީ ޓެލެންޓްޒްގެ މެނޭޖިން ޑިރެކްޓާ ސުރޭޝް ނަމްބިއާ، ލިޓިލް ބަޑީގެ ފައުންޑާ އަދި ޑިރެކްޓާ ރަމްޔާ ގަންގަދަރަން އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މެންބަރުންވަނީ ބައިވެރިވެފަ އެވެ.

އުމުރުން ދެއަހަރާއި ބައިން ފެށިގެން ގޮސް 18 އަހަރާއި ހަމައަށް، 4 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށެވެ. މިއަދުން ފެށިގެން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މި ސީޒަންގައި ކުރިއަށްދަނީ ކުރެހުމާއި، ނެށުމާއި، ލަަވަކިޔުމާއި، އިންސްޓްރުމެންޓަލް މިއުޒިކްގެ ކެޓަގަރީތަކެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ލިޓިލް ބަޑީ ޓެލެންޓްޒްގެ ވެބްސައިޓްގައި ރެޖިސްޓާކޮށް ބައިވެރިވާ ފަރާތުގެ ހުށަހެޅުން ރިކޯޑްކޮށް އަޕްލޯޑް ކުރަން ޖެހެ އެވެ. 4 ކެޓަގަރީއަކުން ރާއްޖޭގައި ބައިވެރިވާކުދިންގެ ހުށަހެޅުންތައް އިންސާފުކުރާނީ ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި ރޮބަޓް ޑާންސިން އިން ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ރޮބަމަން އެވެ.

ރާއްޖޭގެ ހުށަހެޅުންތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު އެއްވަނަ އަށް ދާ ފަރާތަކަށް ގްރޭންޑް ފިނާލޭގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ލިޓިލް ބަޑީ ޓެލެންޓްޒްގެ ރާއްޖޭގެ ގްލޯބަލް އެސޯސިއޭޓް މައިޒަރު އާދަމް ވީދާޅުމީ އިންސާފުކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ހުށަހެޅުންތަކުގެ ކްރެޑިބިލިޓީއާއި މާކިން އޮނިގަނޑަށް ކަމަށެވެ.

ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. ސްޓޭޓް މިނިސްޓަރު ފާތުމަތި ނަސީރު ވިދާޅުވީ، މިއީ ހުނަރުން ފުރިފައިވާ ދިވެހި ދަރިވަރުންނަށް ލިބޭ ރަނުގެ ފުރުސަތެއްކަމުގަ އެވެ. އަދި އެންމެހާ ސްކޫލްތަކާއި ސްކޫލްތަކުގެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް އެކަމަނާ ވަނީ ހިތްވަރު ދެއްވާފަ އެވެ.

މުބާރާތުގެ ގްރޭންޑް ފިނާލޭގެ ތާރީޚު އަދި ކަނޑައެޅިފައިނުވާއިރު، މައިޒަރު ވިދާޅުވީ ދުނިޔޭގެ 93 ގައުމަކުން އަންނަ 16 ބައިވެރިންނާއި އެކު ފިނާލޭ ރާއްޖޭގައި ބޭޢްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މުޅި މުބާރާތުން އެއްވަނަ އަށްދާ ބައިވެރިއަކަށް އެއް މިލިއަން ރުފިޔާގެ އަގުހުރި އިނާމެއް ލިބިގެންދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު