"ހުރިހާ ކުދިންނަށް ތައުލީމު ގާނޫނުގައި ހުރި ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާނަން"

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

ތައުލީމީ ގާނޫނުގެ ދަށުން ހުރިހާ ކުދިންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާ އަންގާރަ ދުވަހު ތަސްދީގުކުރައްވާފައިވާ ތައުލީމުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ޕަބްލިކް ސްކޫލުތަކާއި ޕްރައިވެޓް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް އެއްވަރެއްގައި ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ.

"ސަރުކާރުން ޕްރައިވެޓް ސްކޫލު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ. ބައެއް ސްކޫލު ދަރިވަރުންނަށް ބޮލަކަށް ވާ ވަރަށް ލާރިވެސް ދެމުން ދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގައި ބިލް ތަސްދީގު ކުރުމުން އަދި ކިރިޔާ މަސައްކަތްތައް ފަށައިގަނެފައިވާ ކަމަށެވެ. އަދި އެ ގާނޫނަކީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް އޮތް އޮނިގަނޑެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ގާނޫނުގެ ދަށުން ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި ގިނަ މަސައްކަތްތަކެއްގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެ ގާނޫނަކީ ރާއްޖޭގެ ތައުލީމީ ނިޒާމު، ގާނޫނެއްގެ ގޮތުގައި ކަނޑައަޅައި އަމަލުކުރުމަށްޓަކައި ތައްޔާރުކުރާ މަގުޗާޓެއް ކަމަށެވެ.

ތައުލީމާ ބެހޭ ގާނޫނެއްގެ މަގުސަދަކީ އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.

އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށުނާރާނެހެން އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމަށާއި، އާންމުކޮށް އެންމެންގެ މެދުގައި ސުލްޙަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެ ކަންކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް ގާއިމުކުރުމަކީވެސް މި ގާނޫނުގެ މަގުސަދެކެވެ.

މި ބިލް ބުނާގޮތުން ރާއްޖޭގައި ޕްރީސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެ އެވެ.

ރާއްޖޭގައި އުޅޭ ހަތަރު އަހަރާ 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމް ލާޒިމްވާނެ ކުއްޖެއް ކަމަށާއި ޕްރީސްކޫލު ތައުލީމް ވެސް ހިލޭ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

comment ކޮމެންޓް