އިންތިހާބަށް ފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް ޓްރަމްޕް ބަލި ގަބޫލު ނުކުރެއްވި

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑެން ކަމަށް ރިޕޯޓު ކުރި ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެޑައިގެންފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ނޮވެމްބަރު 15): އެމެރިކާގައި މި މަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑެން ކަމަށް ރިޕޯޓު ކުރި ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެޑައިގެންފި އެވެ.

މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ޓްރަމްޕް ވާހަކަ ދެއްކެވީ ކޮވިޑް ބަލިމަޑުކަމާ ބެހޭ ގޮތުންނެވެ. އަދި އެ ބައްދަލުވުމުގައި އޭނާ ބަލި ގަބޫލު ނުކުރެއްވި ނަމަވެސް ޓްރަމްޕް ވަނީ ސަރުކާރު ބަދަލުވެދާނެ ކަމަށް ނުސީދާ ގޮތަކަށް އިޝާރާތް ކުރައްވާފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން އެމެރިކާގައި މިހާރު އޮތް ސަރުކާރުން ފުރަބަންދެއް ނުކުރާނެ އެވެ. ނަމަވެސް ދެން އަންނަން އޮތް ސަރުކާރަކާ ބެހޭ ގޮތުން އޭނާ ސުވާލު އުފެއްދެވި އެވެ.

"މި ސަރުކާރުން ފުރަބަންދަކަށް ނުދާނަން. އުއްމީދު ކުރަނީ - ކުރިއަށް އޮތް ތަނުގައި ދެން ކޮންމެ ގޮތެއް ވިޔަސް، ދެން އަންނާނީ ކޮން ސަރުކާރެއްކަން އެނގޭނީ ކާކަށް. ނަމަވެސް މި ސަރުކާރުން ފުރަބަންދު ނުކުރާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އަންނަ އަހަރުގެ އޭޕްރިލް މަހު ކޮވިޑަށް ވެކްސިންއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެގައުމުގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފައްދާ ވެކްސިނަށް ވަރަށް އަވަހަށް ވަގުތީ ހުއްދައެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ބައިޑެންކަން އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި ފަހުން ޓްރަމްޕް އެތައް ޓުވީޓުތަކެއް ކުރެއްވި ނަމަވެސް އޭނާ އާއްމު ތަނެއްގައި ތަގުރީރު ނުކުރައްވަ އެވެ.

ޓްރަމްޕް އެންމެ ފަހުން ގައުމާ މުހާތަބުކޮށް ވާހަކަ ދެއްކެވީ މި މަހުގެ ފަހެއްގަ އެވެ. އަދި އޭރު އޭނާ ވަނީ އިންތިހާބުގައި މަކަރު ހަދާ ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ޓްރަމްޕްގެ ކެމްޕޭނުން ވަނީ ބައެއް ސްޓޭޓުތަކުގައި ވޯޓާ ދެކޮޅަށް ކޯޓަށް މައްސަލަތައް ހުށަހަޅާފަ އެވެ.

އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައި ނުވާތީ އެގައުމުގެ ސަރުކާރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެގައުމުގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 10.8 މިލިއަނަށް އަރާ، ބަލީގައި 244،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް