އަލްގައިދާގެ ދެވަނައަށް އެންމެ އިސް މީހާ މިދިޔަ އޮގަސްޓުމަހު މަރާލައިފައި

ކެންޔާގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ދިން ބޮމުގެ ހަމަލާއަށްފަހު--

އަލްގައިދާގެ ދެވަނައަށް އެންމެ އިސް މީހާ އަބްދުﷲ އަހުމަދު އަބްދުﷲ މިދިޔަ އޮގަސްޓުމަހު އީރާނުގައި މަރާލައިފައިވާ ކަމަށް ނިއުޔޯކްޓައިމްސްއިން ބުނެފި އެވެ.

ނިއުޔޯކްޓައިމްސްއިން ބުނީ އަބްދުﷲ މަރާލައިފައިވަނީ އީރާނުގައި އުޅެނިކޮށް އިސްރާއިލްގެ އޭޖެންޓުންތަކެއް ކަމަށެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު އެފްރިކާގައި ހުންނަ އެމެރިކާގެ ދެ އެމްބަސީއަކަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ހުރީ އަބްދުﷲ ކަމަށް ތުހުމަތުކުރެ އެވެ. ކެންޔާ އަދި ޓެންޒޭނިއާގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ދިން ހަމަލާގައި 224 މީހުން މަރުވި އެވެ.

ނިއުޔޯކް ޓައިމްސްއިން ބުނީ އިރާނުގައި އުޅުނު އަބްދުﷲ އާއި އަލްގައިދާގެ އެެހެނިހެން އޭޖެންޓުންނަށް އެމެރިކާއިން ފާރަލަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އަބްދުﷲ މަރާލުމުގައި އެމެރިކާގެ ދައުރެއް އޮތްތޯ ބަލަން ރޮއިޓާސްއިން އެމެރިކާގެ އޮފިޝަލުންނާ ސުވާލުކުރުމުން އެކަމާމެދު އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަބްދުﷲ އާއެކު އޭނާގެ އަންހެން ދަރިފުޅު ވެސް ވަނީ މަރާލައިފަ އެވެ.

އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން ޕާކިސްތާނުގައި އުޅެނިކޮށް އެމެރިކާއިން އޭނާ ވަނީ 2011 ވަނަ އަހަރު މަރާލައިފަ އެވެ. --އަލްޖަޒީރާ

comment ކޮމެންޓް