ރަށެއްގެ ނިކަމެއްޗަކު ވީމަ ވަގުތުން ސަސްޕެންޑް، މޭޔަރު ޝިފާއާ މެދު ފިޔަވަޅެއް ނޭޅޭ: ޝުޖާއު

އިދިކޮޅު ޕްރޮގްރެޝިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ޝުޖާއު ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ: ފާޔާޒު މޫސާ

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ވެސް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އޭނާ ސަސްޕެންޑު ނުކުރި ކަމަށާއި މިއަދު މިފެންނަނީ އަތޮޅުތެރެއާ 'މާލޭ ބޮޑު އާއިލާ'އާ މެދު ގެންގުޅޭ ތަފާތުކުރުންތައް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައިވާތީ އޭސީސީއިން ވަނީ މާލޭ ސިޓީ މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ފޮނުވާފަ އެވެ.

އެހެން ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ތަހުގީގުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ހުރިކަމަށް ފާހަގަވާތީ އެކަންކަން ފުރިހަމަކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ބަޔާންކޮށް ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ޝިފާއަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ދިފާއުގައި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި މިނިވަން މުއައްސަސާތައް ހިމެނޭ ގޮތަށް މުޅި ދައުލަތް ނިކުތް ކަމަށެވެ. އެކަމަކު އަތޮޅުތަކުގެ ކައުންސިލަރުންނާ މެދު އަމަލު ކުރަނީ ތަފާތު ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އަތޮޅުތަކުގެ ކައުންސިލަރުންނާ މެދުވެސް އަމަލުކުރާ ގޮތަށް، މާލޭ މޭޔަރާ މެދުވެސް އަމަލުކުރެވެން ޖެހޭނެ ކަމަށެވެ.

"މިއަދު މިފެންނަނީ އަތޮޅުތެރެއާ 'މާލޭ ބޮޑު އާއިލާ'އާ ގެންގުޅޭ ތަފާތުކުރުންތައް. މާލޭ މޭޔަރު ޝިފާގެ މައްޗަށް ކުރެވުނީ ވައްކަމުގެ ތުހުމަތު. އޭސީސީ ބެލިބެލުންތަކުން އޭނާ ވައްކަންކުރި ކަމަށް ހާމަވުމުން ފޮނުވީ ޕީޖީއަށް އޭނާގެ މައްޗަށް ދައުވާ އުފުލައިދިނުމަށް. ލާމަރުކަޒީ ގާނޫނު ހިނގާނެ މާލޭ މޭޔަރުގެ މައްޗަށްވެސް،" ޝުޖާއު ވިދާޅުވި އެވެ.

އަތޮޅުތަކުގެ ކައުންސިލަރުންނާ މާލޭގެ ކައުންސިލަރުންނާ ތަފާތު ނުކުރާނެ ކަމަށް މި ސަރުކާރުން ވީ ވައުދު ކޮބައިތޯ ޝުޖާއު ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި މީހެއްގެ މޫނަށް ބަލާފައި އޭނާއަކީ ވައްކަން ކުރާނެ ނުވަތަ ނުކުރާނެ މީހެއްކަމަށް އެމްޑީޕީއިން ކަނޑައަޅަނީ ކޮން އުސޫލަކުންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"މާލޭގެ މޭޔަރުގެ މައްޗަށް ދައުވާ އުފުލުމަށް އޭސީސީއިން ޕީޖީއަށް ފޮނުވީމަ އެމްޑީޕީ މެމްބަރުންނެއް ނޫންތޯ ވިދާޅުވީ ޝިފާއަކީ ވައްކަން ކުރާ ޒާތުގެ މީހެއްވެސް ނޫނޭ. ކިހިނެއްތޯ މީހެއްގެ މޫނަށް ބަލާލާފައި އެނގޭނީ އޭނާއަކީ ވައްކަން ނުކުރާނެ މީހެއްކަން. އެންމެފަހުން ޕީޖީއަށް ޖެހުނީ އަނބުރާ ރިވިއުކުރަން ފޮނުވާލަން ނޫންތޯ. ކޮބައިތޯ މި އަދުލުގެ ނިޒާމާއި ގެންނަން އުޅުނު ހަމަހަމަކަން. ކޮބައިތޯ ވަކި ރަށެއް، ވަކި ކައުންސިލެއް ތަފާތު ނުކުރާނެކަމަށް ވީ ވައުދު،" ޝުޖާއު ވިދާޅުވި އެވެ.

ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑު ކުރީ ކައުންސިލަރުން ސަސްޕެންޑު ކުރުމުގެ އުސޫލަކީ ގާނޫނު އަސާސީއާ ޚިލާފު އެއްޗެއް ކަމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދަކީ ހަފުތާގެ ދުވަސްތަކުން ހޮނިހިރު ދުވަސް. މިއަދު އެލްޖީއޭއަށް އައި ފޯނުކޯލަކަށްފަހު ލިބުނު ލިޔުމަކުން އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑުކުރީ. ރާއްޖޭގެ ކޯޓުތަކަށް ނޫންތޯ މި ގޮންޖަހަނީ އެލްޖީއޭއިން،" ޝުޖާއު ވިދާޅުވި އެވެ.

ހަމައެއާއެކު އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ކަމަށާއި އެހެންކަމުން އެލްޖީއޭއަކީ މިނިވަން ތަނެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އުތީމު ކައުންސިލްގެ ރައީސް ސަސްޕެންޑުކުރީ ޖަވާބުދާރީވާން ފުރުސަތު ނުދީ ފަހުން ޖަވާބުދާރީވާ ގޮތަށް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުވެސް އަދި މިހާތަނަށް ފަށާފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. މިއާ ހިލާފަށް ޝިފާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުން އޭނާ "ވައްކަންކުރި ކަމަށް" ސާބިތުވާ ކަމަށް އޭސީސީއިން ނިންމާފައި އޮތްއިރުވެސް، މޭޔަރުކަމުން ސަސްޕެންޑު ނުކުރެވޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މާލޭގެ ބޮޑު އާއިލާއަށް ނިސްބަތްވާ އަދި އެމްޑީޕީގެ ބޮޑަކަށް ވީމަ ޝިފާގެ މައްޗަށް ތަހުގީގު ހިންގާފައި އޮތް މައްސަލައެއްގައި އެލްޖީއޭއަށް ފިޔަވަޅެއް ވެސް ނޭޅުނު. ސަސްޕެންޑެއްވެސް ނުކުރެވުނު. އޭނާގެ މައްޗަށް ސާބިތު ކުރެވޭތީތާ އޭސީސީއިން ޕީޖީއަށް ފޮނުވީ ދައުވާ އުފުލަން. ފޮނުވީމަ މަޖިލީސް ގަނޑުކޮށް ނިކުމެ، މިނިވަން މުއައްސަސާތަކަށް އިންޒާރުދީގެން އެއޮތީ އަނބުރާ ރިވިއުކުރަން ފޮނުވާ ގޮތަށް. އަތޮޅު ތެރޭގެ ނިކަމެތި މީހާވީމަ، އޭނާއަކީ ޕީޕީއެމް ފިކުރުގެ މީހެއް ވީމަ ވަގުތުން އޭނާ ސަސްޕެންޑް،" ޝުޖާއު

comment ކޮމެންޓް