ސްޓެލްކޯއިން ތަރައްގީ ކުރި ޒަމާނީ ބަސް ސްޓޮޕް ހުޅުވައިފި

ޒަމާނީ ވަސީލަތްތައް ލިބޭ ގޮތައް ތަރައްގީކުރި ސްޓެލްކޯގެ ގްރީންލައިފް ބަސް ސްޓޮޕް -- ފޮޓޯ/ ސްޓެލްކޯ

ޒަމާނީ ވަސީލަތްތައް ލިބޭ ގޮތައް ތަރައްގީކުރި ސްޓެލްކޯގެ ގްރީންލައިފް ބަސް ސްޓޮޕް މިއަދު ހުޅުވައިފި އެވެ.

ސްޓެލްކޯގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ތަރައްގީކޮށް މިއަދު ހުޅުވި ބަސް ސްޓޮޕް ހުންނަނީ ދަރުބާރުގެ ކައިރީގަ އެވެ. އެއީ ބޯފެން ލިބޭނެ އިންތިޒާމްތަކާއެކު، އަތްވާއި، ވާރެއިން ދަތުރުވެރިން ހިޔާކޮށްދޭނެ ބަސްސްޓޮޕެކެވެ. އަދި އެ ބަސް ސްޓޮޕް ހުންނަނީ އޭސީ ކޮށްފަ އެވެ.

މީގެ އިތުރުން ބަސް ދަތުރުކުރާ ރޫޓް އެނގުމާއި، ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަން ދަތުރުވެރިންނަށް އެނގޭނެ އިންތިޒާމު އެ ބަސް ސްޓޮޕުގައި ހަމަޖައްސާފައިވެ އެވެ. އަދި ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިން ޕޮޓާއި، ކަރަންޓު ނެގޭނެ ޕޯޓްތައްވެސް ބަސް ސްޓޮޕްގައި ހުރެ އެވެ.

އެ ބަސްސްޓޮޕަށް ބޭނުންވާ ކަރަންޓު އުފައްދަނީ އެ ބަސް ސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ.

ސްޓްލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ތައްޔާރުކުރި އެ ބަސްސްޓޮޕް މިއަދު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ބަސްސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ މި ބަސް ސްޓޮޕަކީ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ޒަމާނީ ފެންވަރުގެ ފަސޭހަތަކާއެކު، ދޭ ވަރަށްވެސް ފުރިހަމަ، ވަރަށް އަގުހުރި ހަދިޔާއެއްކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މި ބަސް ސްޓޮޕް ވެގެންދާނީ ބަސް ދަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ދެވޭ އެހީތެރިކަމެއްގެ އިތުރުން، ބަސް ދަތުރުގެ ނިޒާމަށް ސްޓެލްކޯއިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތަކަށް ކަމަށް ވިދާޅުވި އެވެ. އަދި އެ ބަސް ސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

"ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭން. އެއް ފުރާޅެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ފޯރުކޮށްދެމުން މިގެންދަނީ މިދެންނެވި އަސާސްގެ މަތީގައި، ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަކި އެއީ ކަމުގައި ދެކިގެން. މީގެ އިތުރުން، ގައުމީ ކޮންމެ މަސައްކަތަކީ ސްޓެލްކޯގެ ބަދަހި ސަފުތައް އެކަމަށްޓަކައި ރުކުވާލެވިފައިވާ މަސައްކަތްތަކެއް. އެކަން ސްޓެލްކޯގެ މުވައްޒަފުން މިގެންދަނީ ސާބިތުކޮށްދެމުން." މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ގްރީންލައިފް ބަސް ސްޓޮޕަކީ ރާއްޖޭގައި 100 ޕަސެންޓު އިއާދަކުރަނިވި ހަކަތަޔަށް ބަރޯސާ ވާގޮތަށް ގާއިމް ކުރެވުނު ފުރަތަމަ ބަސް ސްޓޮޕެވެ.

comment ކޮމެންޓް